ބީއެމްއެލްގެ "ސްވައިޕް" ގައި އިތުރު ހިދުމަތްތަކެއް - އިންޓަނޭޝަނަލް އެކައުންޓް ހުޅުވޭގޮތާއި ބޭރުން ފައިސާ ގެނެވޭގޮތް ހިމެނޭ
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕުގައި ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވޭ ގޮތާއި ރާއްޖެއިން ބޭރުން ފައިސާ ގެނެވޭ ފަސޭހަ ނިޒާމެއް މިއަދު ތައާރަފްކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ފީޗާތައް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ. މި ބަދަލާއެކު ޑޮލަރު ޕައުންޑު އަދި ޔޫރޯއިން ވެސް ސްވައިޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މިއީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ބަދަލެއް ކަމުގައި ބީއެމްއެލްއިން ސިފަކުރެއެވެ.
ފިޒިކަލް ކާޑަކާ ނުލައި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އަލީ ޕޭ ވީޗެޓް ޕޭ އަދި މާސްޓަ ކާޑް ވީސާ ފަދަ ޕޭމަންޓު ނެޓްވޯކުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ. މި ހިދުމަތް މިއަހަރު ފަހުކޮޅު ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ 2030 ވަނަ އަހަރު އަންނައިރު ޖީޑީޕީގެ 15 ޕަސެންޓް ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުން ކަމަށާއި އެ އަމާޒަށް ވާސިލްވުމުގައި ސްވައިޕް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސްވައިޕް ވޮލެޓް މިހާރު 20,000 އަށްވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނައިރު 3,000 އަށްވުރެ ގިނަ ވިޔަފާރިތަކަށް ސްވައިޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ. ސްވައިޕް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބަލައިގަތުމުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ މެދުގައި ޕީޓޫޕީ މުއާމަލާތްތައް ވެސް ހިންގޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.