އައްޑޫ ސިޓީގައި ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިބި ދެމީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު
އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ހުއްދަނެތި ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / އުއްމީދީވިލާ އަހްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ / ފަރިވިލާ އާއިޝަތު ސަލީމް (37އ) އެވެ. މި ދެ މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ސ. މަރަދޫފޭދޫ / އުއްމީދު ބަންދުކުރީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައަކާ ގުޅިގެން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން 90 ދުވަހުގެ މުއްދަތަށެވެ. މި ބަންދު 2026 ޖޫން 15 ވަނަ ދުވަހު ފެށިފައިވާ ކަމަށާއި މި މުއްދަތުގައި އެ ގެއަށް ހުއްދަނެތި ވަދެ ތިއްބައި ދެ މީހަކު ހައްޔަރުކުރީ ކަމަށް މައުލޫމާތު ލިބެއެވެ.
ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށާއި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.