Advertisement

ޑްރަގް ކެފޭއެއް ހިންގާކަމުގެ ތުހުމަތުގައި ގެއެއްގެ ބައެއް ބަންދުކުރަން އަމުރުކޮށްފި

15 Jul 2026 | 11:59
-

މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭކަމުގެ ތުހުމަތުގައި މ. ލޭންޑްއޮފްގާރޑަންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށް ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ މިހާތަނަށް ބަންދުކުރެވުނު ހަ ވަނަ ތަން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފުލުހުން ބުނިގޮތުގައި މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު ފަސް ތަނެއްވެސް ތިން މަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ ނުކުމެ ހެދުމަކީ ގާނޫނީ ކުށެއް ކަމަށާއި ހުއްދަނެތި އެފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި ތަންތަނަށް އެކިގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި މާލޭގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތައް ބަންދުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

Advertisement

ކޮމެންޓް