Advertisement

ވޯލްޑްކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސް ބަލިކޮށް ސްޕެއިނަށް

15 Jul 2026 | 08:16
ފްރާންސާއި ސަޕެއިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން --

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގަެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން ހޯދައިފިއެވެ.

އެމެރިކާގެ ޓެކްސަސްގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ސްޕެއިނަށް ލީޑު ނަގައިދިނީ 22 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އޮޔަރްޒަބާލެވެ.

Advertisement

މެޗު ފެށިގެން ދެ ޓީމު ވެސް ދެއްކީ ވަރަށް ވާދަވެރި ކުޅުމެކެވެ. ދެ ޓީމަށް ވެސް ފުރުޞަތުތަކެއް ލިބުނު ނަމަވެސް ޕެނަލްޓީ ޖަހައިގެން އޮތް ސްކޯގައި ފުރަތަމަ ހާފް ނިމުނީ އެވެ.

ދެވަނަ ހާފު ފެށިގެން 58 ވަނަ މިނެޓުގައި އޭރިޔާ ތެރެއިން ފޮނުވާލި ބާރު ޝޮޓަކުން ޕެޑްރޯ ޕޮރޯ ސްޕެއިނުގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ފްރާންސުން ފަރަގު ކުޑަކުރަން މަސައްކަތްކުރި ނަމަވެސް ސްޕެއިނުން ދިފާޢީ ގޮތުން ވަރުގަދަކޮށް ނަތީޖާ ދިފާޢުކުރިއެވެ.

އިތުރު ވަގުތުގައި އެމްބާޕޭ ފޮނުވާލި ބާރު ޝޮޓެއް ހުއްޓުވަން ކުކުރެއްޔާ ދިން ދިފާއު ފާހަގަ ކުރެވެ އެވެ. ރެއާލް މެޑްރިޑަށް އަލަށް ބަދަލުވި ކުކުރެއްޔާ މި މުބާރާތުގައި ފާހަގަކޮށްލެވޭ ފެންވަރެއްގައި ކުޅެމުންދާއިރު ސްޕެއިނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ފުރިހަމަ 90 މިނެޓު އޭނާ ވަނީ ކުޅެފައެވެ.

މި ނަތީޖާއާ އެކު ސްޕެއިން 16 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެއެވެ. ފައިނަލުގައި ސްޕެއިނުން ބައްދަލުކުރާނީ އިނގިރޭސިވިލާތާއި އާޖެންޓީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ސްޕެއިން އެންމެ ފުރަތަމަ ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ އަހަރު 1-0 ން ނެދަލެންޑް ބަލިކޮށް ވޯލްޑްކަޕް ތަށި އުފުލާލީ ސްޕެއިން އެވެ.

ވޯލްޑްކަޕް ސެމީ ފައިނަލްގައި މިރޭ 12:00 ގައި ބައްދަލު ކުރާނީ އިނގިރޭސިވިލާތާއި އާޖެންޑީނާ އެވެ.

Advertisement

ކޮމެންޓް