Advertisement

ވިއެޓްނާމުގެ ބޯޓު ހާދިސާގައި މަރުވި 15 އިންޑިއާ މީހުންގެ ހަށިގަނޑު މުމްބާއީ އަށް ގެންގޮސްފި

13 Jul 2026 | 22:56
-

ވިއެޓްނާމުގެ ފޫ ކޮކް ޖަޒީރާ ކައިރިން ހުކުރު ދުވަހު ލޯންޗެއް ބަންޑުން ޖަހާލައި މަރުވި 15 އިންޑިއާ ފަތުރުވެރިންގެ ހަށިގަނޑު ހޯމަ ދުވަހު އިންޑިއާގެ މުމްބާއީ އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަށިގަނޑުތައް ގެންދިޔައީ ހޯ ޗީ މިންހް ސިޓީން ވިއެޓްނާމް އެއާލައިންސްގެ ފްލައިޓެއްގައެވެ.

މަރުވި 15 މީހުންގެ ތެރެއިން 10 މީހުންނަކީ ޓެމިލް ނާޑޫގެ މީހުންނެވެ. ތިން މީހުންނަކީ އާންދްރަ ޕްރަދޭޝްގެ މީހުން ކަމަށްވާ އިރު ދެ މީހުންނަކީ ކެރެލާގެ މީހުންނެވެ. ސަލާމަތްކުރި 16 ފަތުރުވެރިން މިހާރު ވަނީ އިންޑިއާ އަށް އެނބުރި ގޮސްފައެވެ.

Advertisement

ސަލާމަތްކުރި މީހުންގެ ތެރެއިން 49 އަހަރުގެ މީހަކު އަދި ވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އެބަ ދެއެވެ. އޭނާގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިކުނޑިން ލޭ އައިސް ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިއްޔެ ރޭ ސާޖަރީއެއް ކާމިޔާބުކަމާ އެކު ކޮށް، މިހާރު ހޯ ޗީ މިންހް ސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށް ހަނޯއީގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވެއެވެ.

32 އިންޑިއާ ފަތުރުވެރިންނާއި ހަތަރު ވިއެޓްނާމް ފަޅުވެރިން ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލީ ހުކުރު ދުވަހު ފޫ ކޮކް ޖަޒީރާ ކައިރީ ހޮން މޭ ރުޓް އިން ޖަޒީރާ އާ ގާތްގަނޑަކަށް 400 މީޓަރު ދުރުންނެވެ. 

ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. ވިއެޓްނާމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތަޙުޤީޤެއް ހިންގަން އަމުރުކޮށްފައެވެ. ލޯންޗު ދުއްވި ފަރާތް އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ވިއެޓްނާމުގެ ވީއެން އެކްސްޕްރެސް އިންޓަނޭޝަނަލް އިން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް