Advertisement

މައުލޫމާތު ނުދީގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި

13 Jul 2026 | 16:30
ރައީސް އޮފީސް -- ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަޅަމުންދާ ކަމަށް ކަނޑައަޅައި އެ އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ކުރަން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވި އާންމު އަޑުއެހުމުގައި ރައީސް އޮފީސް ޖޫރިމަނާ ކުރަން ނިންމީ ކޮމިޝަނަރުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއަޅަމުންދާ ކަމަށް ބުނެއެވެ.

Advertisement

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޖަވާބު ނުދީ އަދި އޭގެ ފަހުން ކޮމިޝަނުން އެންގި މުއްދަތުގައި ވެސް ޖަވާބު ފޯރުކޮށްދީފައި ނުވުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން ކަމަށެވެ.

އެ ފަސް މައްސަލައިގައި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރު ވެސް ކޮމިޝަނަރު މިއަދު ދެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާންމުކޮށް އަންގަވަނީ އަޑުއެހުން ބާއްވާތާ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭށެވެ. ކޮމިޝަނަރުގެ އެ ނިންމުން އިސްތިއުނާފު ކުރަން 45 ދުވަހުގެ މުއްދަތެއް އިދާރާތަކަށް ލިބެއެވެ. މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން އެކި އިދާރާތައް ޖޫރިމަނާ ކޮށްފައިވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީސް މި ފަހަރު ޖޫރިމަނާކުރިއިރު އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު ހުރިހާ ތަނަކުން ތާރީޚުގައި ފުރަތަމަ ފަހަރަށް މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ. މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރު ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް