ހިތަދޫ ކޯޒްވޭ 2028ގެ މެދަށް ނިމި ބޭނުންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ލ. ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގު 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ވަރަށް މަސައްކަތް ފުރިހަމަވާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ލ. މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ޝާކިރު އެދިވަޑައިގަތީ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށި ނިމޭނެ ތާރީޚެއް ސާފުކޮށްދެއްވުމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި 22 ޖެނުއަރީ 2023ގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް ބަޔަކާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ކުރީ ސަރުކާރުން 2 ސެޕްޓެމްބަރު 2023ގައި މޮބިލައިޒް ކުރި ކަމަށް ރިޕޯޓުތަކުން ދެއްކި ނަމަވެސް، އޭރު ފެށި ސާވޭއާއި ބޯހޯލްގެ މަސައްކަތްތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިނަށް ގެންނަން ޖެހުނު ބަދަލުތައް ފުރިހަމަކުރީ މި ވެރިކަމުގައި ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 20 އޮކްޓޯބަރު 2025ގައި، 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 81 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހިމެނެއެވެ. ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލް-ބްލޮކްތައް ބަލްކްކޮށް ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް އެއްފަހަރާ އެތައް މަޝްރޫޢެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހިމެނޭ ކަމަށެވެ. ދައުލަތުގައި ހުރި ފައިސާއިން އެ ހުރިހާ މަޝްރޫޢެއް ނިންމޭނެ ގޮތަށް ރަނގަޅު ތާވަލެއްގެ ދަށުން ޝެޑިއުލް ހަދައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.