Advertisement

އަލިފާނުގެ ހާދިސާތައް ހިނގި ތިން ތަން ސިޓީ ކައުންސިލުން ސާފުކުރަން ފަށައިފި

12 Jul 2026 | 11:02
އަލިފާނުގެ ހާދިސާ ހިނގާފައިވާ ގެއެއް. ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ އާއި މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޑިޒާސްޓަރ ޔުނިޓުންނެވެ. ސާފު ކުރަމުންދާ ތިން ތަނަކީ ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯ އާއި މާލޭގެ މާފަންނު އަވަށުގައި ހުރި ދެ ބުރީގެ އިމާރާތެއް ކަމަށްވާ މ. ޝަފާ ގެ އިތުރުން ގ.ފުންފަޅު ގޭގެ ހަރު ވަނަ ފަންގިފިލާއެވެ.

Advertisement

މި ތިން ތަނަކީވެސް އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތިން ތަނެވެ.

ހުޅުމާލެ 110 ވަނަ ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހާދިސާގައި އެ ފްލެޓުގެ ގްރައުންޑް ފްލޯއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު މާފަންނު ޝަފާ ގޭގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަދި ގ.ފުންފަޅު ގޭގައި ރޯވި އަލިފާން ރޯވީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ތިން ތަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އަލިފާނުގެ ހާދިސާގެ ސަބަބުން އުފެދިފައިވާ ކުނިތަކާއި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

މިއީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Advertisement

ކޮމެންޓް