Advertisement

ޣައްޒާގެ ހޮސްޕިޓަލްތައް ކަރަންޓު ކެނޑި އަނދިރީގައި، ބަލިމީހުންނަށް ފަރުވާ ނުދެވި ނުރައްކަލުގައި

11 Jul 2026 | 23:28
-

އިސްތިއުމާރީ އިސްރާއީލުގެ ހަމަލާތައް އަދިވެސް އެކުގައިހެން ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، ޣައްޒާގެ ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑި، ފުރާނަ ސަލާމަތްކުރާ ސާމާނު މަސައްކަތް ނުކޮށް، ބަލިމީހުންނަށް ފަރުވާ ނުދެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

ދައިރް އަލް ބަލަޙްގައި ހުންނަ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ މައިގަނޑު ޖެނެރޭޓަރުތައް 2026 ވަނަ އަހަރުގެ މެއި މަސް ކުރީ ކޮޅު ހުއްޓިފައިވެއެވެ. އެ ހޮސްޕިޓަލުން މިހާރު ބޭނުންކުރަމުން ދަނީ ދެވަނަ ދަރަޖައިގެ ޖެނެރޭޓަރުތަކާއި އިރުގެ ހަކަތައެވެ. އިސްރާއީލުގެ ބޮމުގެ ހަމަލާތަކުން ޣައްޒާގެ 38 ހޮސްޕިޓަލާއި 96 ޕްރައިމަރީ ހެލްތު ސެންޓަރު ހަލާކުކޮށްލައި ނުވަތަ ބޭނުން ނުކުރެވޭ ހާލަތަށް ގެނެސްފައިވެއެވެ. ޤައުމީ ކަރަންޓު ވިއުގައިގެ 90 އިންސައްތަ ހަލާކުވެފައިވާ އިރު، ޣައްޒާ ވަށައިގެން ހިސާރުކޮށްފައި އޮތުމުގެ ސަބަބުން ޖެނެރޭޓަރުތަކަށް ބޭނުންވާ ތެލާއި ސްޕެއާ ޕާޓްސް ނުލިބި، ޖެނެރޭޓަރުތައް މައްސަލައިގައި ޖެހެމުންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement

ކަރަންޓު ކެނޑުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެނެސްތީސިއާ ޑިޕާޓްމެންޓް އަދި ތުއްތު ކުދިންގެ ފަރުވާއަށް ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. އިންކިއުބޭޓަރުގައި ތިބި ތުއްތު ކުދިން ހިމެނޭ ގޮތުން، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ބަލިމީހުންގެ ފުރާނައަށް ނުރައްކާ ވެއެވެ.

އެ ހޮސްޕިޓަލުގެ ސާޖަން ޢުމަރް އަލް އަޝްތަލް އަލް ޖަޒީރާއަށް ވިދާޅުވީ "މިއަދު މި ފެންނަނީ ހަމައެކަނި ކަރަންޓު މައްސަލައެއް ނޫން، ބައު ޖެނެރޭޓަރުތަކާއި ތެޔޮ ނުލިބުމާއި މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓްސް ނެތުން އެކުވެގެން އައިސްފައިވާ ބޮޑު ކާރިސާއެއް" ކަމަށެވެ. "މި ހާލަތު ދެމިގެން ހިނގައްޖެ ނަމަ ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލަށް ޖަވާބުދާރީ ވެވޭ ޤާބިލުކަން ގެއްލި، ފަރުވާ އާއި ބޭސްވެރިކަމުގެ އިންތިޒާރުގައި ތިބި ބަލިމީހުންގެ ހާލު ގޯސްވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް