ތާރީޚީ ބަދަލެއް: މާދަމާ އައްޑޫ ގަމުން ސީދާ ސައުދީއަށް އުމްރާ ދަތުރުތައް ފަށަނީ
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް މާދަމާ ފަށާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ކުރާ މި ތާރީޚީ ދަތުރަކީ އައްޑޫ ސިޓީ އާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މި މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންފުޅަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި 22 ގައެވެ. ފުރަތަމަ ދަތުރުގައި ވެސް 750 އަށް ވުރެ ގިނަ އުމްރާވެރިން ދަތުރުކުރިއެވެ. މޯލްޑިވިއަނުން އުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް ވައިޑް ބޮޑީ މަތިންދާބޯޓެވެ. މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމަށް ވެސް އެ އެއާލައިނުން ވަނީ ދަތުރުތައް ބާއްވައިފައެވެ.
ފަހަކަށް އައިސް ދިވެހިރާއްޖެއިން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޚާއްސަކޮށް ޒުވާނުންނާއި ތުއްތު ކުދިންނާ އެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އައްޑޫ ސިޓީ ފަދަ އާބާދީ ބޮޑު ސަރަހައްދަކުން ސީދާ އުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖެހުމުން، މާލެއަށް ކުރަންޖެހޭ ދިގު ދަތުރު ނިމުމަކަށް އައިސް، ވަގުތާއި ޚަރަދަށް ބެލި ނަމަވެސް އާއިލާތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.