ބަރުދަން ލުއިކުރަން ކެލޮރީ ގުނައިގެން ނުފުދެނީ ކީއްވެ؟
ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ޑައެޓުގެ ދުނިޔޭގައި ދޭ މައިގަނޑު ނަސޭހަތަކީ ކެލޮރީ ގުނުމާއި، ހަށިގަނޑުން އަންދާ ވަރަށްވުރެ އެތެރެވާ މިންވަރު މަދު ކުރުމުގެ ނަސޭހަތެވެ. އެ ބުނާ ކެލޮރީއެއްގެ ހިސާބު ކިތާބު ދިމާވިޔަސް، ކެލޮރީ ގުނައިގެން ބަރުދަން ލުއިކުރުމަކީ އަދި އެބުނާހާ ފަސޭހަ ކަމެއް ނޫން ކަމަށް ސައެންސުން ދައްކައެވެ. ދިރާސާތަކުން ބުނަނީ ކެލޮރީގެ އަދަދާއި އެއްވަރަށް ކެލޮރީގެ ފެންވަރުވެސް މުހިންމު ކަމަށެވެ.
ކެލޮރީ ގުނުމުގައި ފޮރުވިފައިވާ މައްސަލައަކީ ކޮބާ؟
ކެލޮރީ އަކީ ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ފެޓް އިން ހަށިގަނޑަށް ލިބޭ ހަކަތައިގެ މިންގަނޑެވެ. ނަމަވެސް ކާ ތަކެތީގެ ލޭބަލުގައި ޖަހާ ކެލޮރީ އަދަދާ ހަށިގަނޑަށް ހަގީގަތުގައި ލިބޭ ކެލޮރީ ތަފާތުވެދާނެއެވެ. ބޮސްޓަން ޗިލްޑްރަންސް ހޮސްޕިޓަލުގެ އެންޑޮކްރައިނޮލޮޖިސްޓް ޑރ. ޑޭވިޑް ލުޑްވިގް ބުނެފައިވާގޮތުގައި، ލެބޯޓަރީގައި ކާ އެއްޗެއް އެންދީމާ ލިބޭ ކެލޮރީ އާއި އިންސާނާގެ ހަށިގަނޑުން ބޭނުންކުރެވޭ ކެލޮރީ ތަފާތެވެ. ހުއްދަ ދީފައި އޮންނަ ރައުންޑް ކުރުމުގެ ސަބަބުން ލޭބަލް 20 އިންސައްތައާ ހަމައަށް ނުބައިވެދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެކި ކެލޮރީއާމެދު ހަށިގަނޑު އަމަލުކުރަނީ އެކި ގޮތަށް
އާންމުކޮށް ބޭނުން މި ކުރާ ޕާނާއި ހަކުރު ފަދަ ގްލައިސީމިކް އިންޑެކްސް މަތީ ކާ ތަކެތި ހަށިގަނޑުން އަވަހަށް ހަކަތައަކަށް ބަދަލުކޮށް، ސަރުބީގެ ގޮތުގައި ރައްކާކުރެއެވެ. ނަމަވެސް ބީންސް، ހޯލް ގްރެއިންސް އަދި ސީޑްސް ފަދަ ރެސިސްޓެންޓް ސްޓާޗް ހުންނަ ކާ ތަކެތީގެ ކެލޮރީ ހަށިގަނޑަށް ނެގުން ދަތިވެ، ގިނަ ކެލޮރީ ހަށިގަނޑުން ބޭރުވެގެން ދެއެވެ. ޑރ. ލުޑްވިގް ބުނެފައިވާގޮތުގައި، ހަކުރު އެކުލެވޭ ބުއިމެއްގެ 100 ކެލޮރީ އާއި ނަޓްސްގެ 200 ކެލޮރީ އަޅާކިޔައިލީމާ، 100 ކެލޮރީ މަދު ނަމަވެސް ހަކުރު އެކުލެވޭ ބުއިމުން ހަށިގަނޑުގައި ސަރުބީ ރައްކާކޮށް، އަވަހަށް ބަނޑުހައިވެއެވެ.
ރޯ ފިލުވުމާއި ރޮލާ ކެއުމާއި ޕްރޮސެސްޑް އުފެއްދުންތައްވެސް ތަފާތު
ރޯ ފިލުވާފައި ހުންނަ ކާނާއިން ލިބޭ ކެލޮރީ އާއި ރޮލާ ކާ ކެއުންތަކުން ލިބޭ ކެލޮރީގައިވެސް ތަފާތުތަކެއް ހުރެއެވެ. ކަރު ކެޔޮ ކެއުމުން ލިބޭ ކެލޮރީ ގިނަވެފައި ދޮން ކެޔޮ ކެއުމުން ލިބޭ ކެލޮރީ މަދެވެ. ޑރ. ލުޑްވިގް ބުނެފައިވާގޮތުގައި އަލްމަންޑު ހުރި ގޮތަށް ކެއުމުން ލިބޭ ކެލޮރީ އާއި އަލްމަންޑުން ބަޓަރު ހަދައިގެން ކެއުމުން ލިބޭ ކެލޮރީ އާއި އަދި އަލްމަންޑު މުގުރައިގެން ކެއުމުން ލިބޭ ކެލޮރީވެސް ތަފާތުވެއެވެ. އަދި މީގެ އިތުރުން ޕެކެޓް ކޮށްފައި ހުންނަ ޕްރޮސެސްޑް އުފެއްދުންތައް ގިނައިން ކެއުމުން ހަށިގަނޑުން އަންދާ ކެލޮރީ މަދުވާކަންވެސް ޓަފްޓްސް ޔުނިވާސިޓީގެ ޑރ. ދާރިޝް މޮޒާފަރިއަން ފާހަގަކުރިއެވެ.
ކެލޮރީ ގުނުން ދޫކޮށްލަންވީތަ؟
ކެލޮރީ ގުނުން އެއްކޮށް ދޫކޮށްލާކަށް ނުޖެހެއެވެ. ކެއުން ކޮންޓްރޯލުކުރުމުގައި ބޭނުންތެރި ވަސީލަތެއް ކަމަށް ޑރ. ލުޑްވިގް ބުނެއެވެ. ނަމަވެސް ލޭބަލުގެ ނަންބަރަށް އެކަނި ބެލުމުގެ ބަދަލުގައި، ކެއުމުގެ ފެންވަރަށް ސަމާލުވާން ޖެހެއެވެ. ޕެކެޓް ކޮށްފައި ހުންނަ ޕްރޮސެސްޑް ކާ ތަކެތި މަދުކޮށް، ތާޒާ މޭވާ، ތަރުކާރީ، ހޯލް ގްރެއިންސް އަދި ފައިބަރ ގިނަ ކެއުން އިސްކުރުން މާ މުހިންމެވެ. ޑރ. ލުޑްވިގް ބުނީ ޕެކެޓުގައި ޖަހާފައި ހުންނަ ނަންބަރަށް އެކަނި ބެލީމާ ރަނގަޅުވާނެ ކަމަށެވެ.