Advertisement

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

11 Jul 2026 | 18:19
-

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ ގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާ އެކު އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ މި އަހަރު ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލެސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނިމުމުން އިތުރު ހަތަރު ކުއްޖަކު ވެސް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ އާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުޙަލާ ފުރިހަމަކޮށް، މި އަހަރު ރާއްޖޭން ބޭރުން ފަރުވާ ހޯދުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާ އިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕެނަލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް ދަނީ ކުރެވެމުންނެވެ.

ޝަރުތު ހަމަވާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚަރަދު ހަމަޖެއްސުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޖަމާކޮށްފައިވެއެވެ. މި އެހީ ފޯރުކޮށްދިނީ 2024 ވަނަ އަހަރު އިސްލާމިކް އެފެއާޒް ވުޒާރާ އާއި ހެލްތު ވުޒާރާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ.

2024 ވަނަ އަހަރުން ފެށިގެން ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ބޯންމެރޯ ޓްރާންސްޕްލާންޓަކީ ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ.

Advertisement

ކޮމެންޓް
އިބްރާހިމް
ޒަކާތަކީ ކޮބާ ތިކަހަލަ މޮޔަ އާތުން ވެސް އުޅޭނެ
11 Jul 2026