ރާޖްޕާލް އަނެއްކާވެސް ޖަލަށް ދާންޖެހިދާނެ ކަމުގެ ބިރު!
ބޮލީވުޑްގައި ހެއްވާ މަޖާ ރޯލުތަކުން އާންމުންގެ މެދުގައި މަގުބޫލު ރާޖްޕަލް ޔާދަވް އަނެއްކާވެސް ޗެކް ބައުންސް މައްސަލައިގައި ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
އޭނާ އާއި ދެކޮޅަށް ކޯޓުގައި ޗެކް ބައުންސްގެ މައްސަލަ ބަލަން ފަށާފައިވަނީ 2010 ވަނަ އަހަރު ޑައިރެކްޓު ކުރި ފުރަތަމަ ފިލްމު "އަތާ ޕަތާ ލާޕަތާ" ހަދަން ވެގެން ކުންފުންޏަކުން ނެގި ލޯނެއް ނުދައްކައިގެންނެވެ. އެމްއެސް މުރަލީ ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑުން އޭނާ ފަސް ލައްކަ ރުޕީސް ލޯނުގެ ގޮތުގައި ނެގި އެވެ.
ބޮކްސް އޮފީހުގައި ފިލްމު ފްލޮޕްވެ ދައްކަން ޖެހޭ ލޯނު ނުދެއްކި އިންޓްރެސްޓާއި އެކު އެ އަދަދު ނުވަ ކްރޯޑް ރުޕީސްއަށް އެރި އެވެ. މި މައްސަލަ 2018 ވަނަ އަހަރު ކޯޓަށް އެ ކުންފުނިން ހުށަހެޅުމުން ރާޖްޕަލް އާއި އޭނާގެ އަނބިމީހާ ހަ މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.
އެ ހުކުމާއި އޭނާ ހަވާލުވެ މިދިޔަ އަހަރު ދުވަސް ކޮޅެއް ވަންދެން ޖަލުގައި ހުއްޓެވެ. އޭނާ ޖަލުން ނެރުނީ ބޮލީވުޑްގެ ބައެއް ތަރިން އެހީވެ 1.5 ކްރޯޑް ރުޕީސް ކޯޓަށް ދައްކައިގެން ކަފާލާތުގެ ދަށުންނެވެ.
އެ މައްސަލަ އެމްއެސް މުރަލީ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ދިއްލީ ހައި ކޯޓުން ވަނީ އަލުން ރާޖްޕަލްގެ ދެމަފިރިން ޖަލަށް ލުމަށް ހުކުމްކޮށް، ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައި އެވެ.
ދިއްލީ ހައި ކޯޓުން ކޮށްފައިވާ ހުކުމާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ރާޖްޕާލްގެ އަމަލުތައް ހުރީ "ޝައްކު އުފެދޭ" ގޮތަކަށެވެ. ހުށަހެޅިފައިވާ ހަތް މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއްގައި 1.05 ކްރޯޑް ރުޕީސް ދެއްކުމަށް ކޯޓުން ވަނީ ޔާދަވްއަށް އަމުރުކޮށްފައެވެ. އޭނާގެ އަނބިމީހާ ރާދާ ރާޖްޕާލް ޔާދަވް ކޮންމެ މައްސަލައެއްގައި 5 ލައްކައަށް ވުރެ ގިނަ ރުޕީސް ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ޖަލު ހުކުމް ހަ މަހުން ތިން މަހަށް ކުޑަކޮށްފައިވީ ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ޖޫރިމަނާ ނުދައްކައިފި ނަމަ ހުކުމް އަނެއްކާ ވެސް ހަ މަހަށް ބަދަލުވާނެއެވެ.
މިގޮތަށް ހުކުމް ކުރީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުމާއި އެއްގޮތަށް ރާޖްޕަލް ފައިސާ ދައްކާފައި ނުވުމާއި ދޭ ޔަގީން ކަމާއި އެއްގޮތަށް އަމަލު ނުކުރުމެވެ. މި މައްސަލައިގަ ރާޖްޕަލްގެ ގާނޫނީ ވަކީލު ކޯޓުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ދަރަނީގެ ތެރެއިން 4.25 ކްރޯޑް ރުޕީސް ވަނީ ދައްކާފައި އެވެ.
ހައި ކޯޓުން ހުކުމް ދެމެހެއްޓި ނަމަވެސް ބުނެފައިވަނީ މަތީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހުކުމް ތަންފީޒުކުރުން ދެ މަހަށް ފަސް ކުރާ ކަމަށެވެ.