ޚުޠުބާގައި ބަޔާންކޮށްދިނީ ޤުރްއާން ކިޔެވުމުގެ މާތްކަމާއި ފައިދާތައް
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައި ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމާއި، އެ ފޮތް ތިލާވަތުކުރުމުން ލިބޭ ދީނީ އަދި ދުނިޔަވީ ފައިދާތައް ބަޔާންކޮށްދިނުމަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ޤުރްއާނަކީ ކޮންމެ ހެޔޮ ކަމެއްގެ އަޞްލު ކަމުގައިވާ، އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮ ކަމުގެ ޘަވާބު މާތް ﷲ ދެއްވާނެ ކަމަށާއި، ޤިޔާމަތް ދުވަހު އެ ފޮތް އޭގެ އަހުލުވެރީންނަށް ޝަފާޢަތްތެރިވާނެ ކަމަށް ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލު ދައްކައިފައިވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ﷲ ގެ ގެކޮޅެއްގައި (މިސްކިތެއްގައި) ބަޔަކު އެއްވެ ޤުރްއާން ކިޔަވައި އެ ފޮތް އުނގެނި ދަސްކުރާ ނަމަ، އެ ބައިމީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމައިތިރިކަން ފައިބައި، މަލާއިކަތްބޭކަލުން އެ ބައިމީހުން ވަށައިލައްވާނެއެވެ.
ޤުރްއާން ތިލާވަތުކުރުމުން ލިބޭ ޖިސްމާނީ އަދި ނަފްސާނީ ފައިދާތަކަށް ވެސް ޚުޠުބާގައި އަލިއަޅުވައިލައިފައިވެއެވެ. އެ ގޮތުން އިމާމް އިބްނު ޤައްޔިމް ވިދާޅުވެފައިވާ ފަދައިން، ޛިކުރުކުރުމުން ހިތުގެ ބާރު ގަދަވެ، ހަށިގަނޑުގެ ދިރުން ވެސް އިތުރުވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކީރިތި ޤުރްއާނަކީ ބަލިތަކަށް ހުރި ޝިފާއެއް ކަމުގައި ސޫރަތުލް އިސްރާގެ 82 ވަނަ އާޔަތުން ހެކި ދައްކައިފައިވެއެވެ.
ޤުރްއާން ކިޔެވުމުގެ މާތްކަން ބަޔާންކުރައްވައި ޚުޠުބާ ނިންމައިލައިފައި ވަނީ، ހުނަރުވެރިކަމާ އެކު ޤުރްއާން ކިޔަވާ މީހާ މަތިވެރި މަލާއިކަތުންނާ އެކު ވާނެ ކަމަށާއި، އުނދަގޫކަމާ އެކު ކިޔަވާ މީހާއަށް ވެސް ދެ ދަރުމަ ލިބޭނެ ކަމަށް ބަޔާންކޮށް، ޤުރްއާނާ މެދު ތަޤުވާވެރިވުމަށް ގޮވައިލަމުންނެވެ.