އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް އިބްރާހީމް ރަޝީދު ހަތް އަހަރު ފަހުން މަޤާމުން ވަކިވެވަޑައިގެންފި
އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަޤާމުގައި ހަތް އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.
ޝައިޚް އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި، މަޤާމުން ވަކިވެވަޑައިގެންނެވީ ތަޢުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތެއްގެ ބޭނުން ހިއްޕެވުމަށެވެ. އެ ގޮތުން އެ ބޭފުޅާ މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވަޒީފާ އަދާކުރައްވަން ފައްޓަވައިފައެވެ.
މަޤާމުން ވަކިވެވަޑައިގަންނަވަމުން ޝައިޚް ވަނީ، އެ މަޤާމަށް އައްޔަން ކުރެއްވި ކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި މިހާރުގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި އިރުޝާދަށް ވެސް ޝުކުރު ދަންނަވައިފައިވެއެވެ.
އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވާސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ، ކީރިތި ޤުރުއާން ހިތުދަސް ޢިލްމުވެރިއެކެވެ.