ގާފަރު ސްކޫލުގެ ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭ ސެޝަނެއް ބާއްވައިފި
ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ކ. ގާފަރު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ގާފަރު ސްކޫލުގައި ބޭއްވި މި ސެޝަނަކީ ގާފަރު ޕޮލިހާއި ކާށިދޫ ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި އެ ސްކޫލުގެ 50 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ސެޝަނުގައި ބެލެނިވެރިކަން އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި، ކުށްތަކުން ދަރިން ރައްކާތެރިކުރުމަށް ނަސޭހަތް ދިނުމާއި، ދަރިންނާއި ބެލެނިވެރިންނާ ދެމެދު ރަނގަޅު ގުޅުމެއް އުފެއްދުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން ދަރިންގެ އެކުވެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމުގެ މުހިންމުކަމާއި، ދަރިންގެ މިޒާޖު ދެނެގަތުމާއި، ދަރިން ވަގުތު ހޭދަކުރާ މާހައުލު ދެނެގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް މަޢުލޫމާތު ދީފައިވެއެވެ.
މިއީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.