ހިސާބު ޢިލްމު ކުރިއެރުވުމަކީ ޤައުމުގެ މުސްތަޤްބަލަށް ކުރެވޭ މުހިންމު މަސައްކަތެއް: މެޑަމް ސާޖިދާ
ދިވެހިންގެ ސަގާފަތާއި ތަރިކައިގެ އެހީގައި ހިސާބު ޢިލްމު އުނގަންނައިދިނުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
"މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް ކަލްޗަރަލް ހެރިޓޭޖް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން" ނަމުގައި މި ފޮތް ލިޔުއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. މި ފޮތަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ އެހީގައި ހިސާބު ޢިލްމުގެ ތަޢުލީމާއި ކަރިކިއުލަމް އިތުރަށް މުއްސަނދިކުރެވޭނެ ގޮތްތައް ބަޔާންކޮށްދޭ ފޮތެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ހިސާބު ޢިލްމު ކުރިއެރުވުމަކީ ހަމައެކަނި ތަޢުލީމީ ލަނޑުދަނޑިއެއް ޙާޞިލުކުރުން ނޫން ކަމަށާއި އެއީ ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ ވިލުންތެރިކަމާއި ފާގަތިކަމާއި ކުރިއެރުމަށްޓަކައި ކުރެވޭ މުހިންމު ވުނަކުރުމެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ މަސްވެރިކަމާއި އޮޑިދޯނިފަހަރު ބަނުމާއި ދަތުރުފަތުރުގެ ނިޔަމިކަމާއި ވިޔުމާއި ދަނޑުވެރިކަމާއި ޢިމާރާތްކުރުން ފަދަ ސަގާފީ މަސައްކަތްތަކުގައި ހިސާބު ޢިލްމުގެ ތަޞައްވުރުތައް ޒަމާނުއްސުރެ ލާމެހިފައިވާ ކަމަށެވެ.
ދިވެހިންގެ ސަގާފަތާ ގުޅުވައިގެން ހިސާބު ޢިލްމު އުނގަންނައިދިނުމުން ދަރިވަރުންނަށް އެއީ މާނަވީ އަދި ދިރިއުޅުމާ ގުޅުންހުރި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ތެރެއިން އަމިއްލަ ސަގާފަތް ފެންނަން ހުރުމަކީ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ ހިސާބު ޢިލްމަށް ދޭ ލޯބި ފުންވެގެންދާނެ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. ޖީލުން ޖީލަށް ވާރުތަވަމުން އައި ސަގާފީ ޢިލްމުތައް މި ފޮތުގައި ލިޔެ ރައްކާކޮށްފައިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮށްދިން ވަރަށް އަގުހުރި ޚިދުމަތެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ އީޖާދީ ކުރިއެރުންތަކަށާއި ފަންނިއްޔާތު ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ހިސާބު ޢިލްމުގެ ހުނަރުތައް ކޮންމެހެން ބޭނުންތެރި ކަމަށެވެ. އަދި މި ފޮތުގެ ސަބަބުން ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށާއި ދަރިވަރުންނަށް އަދި ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހި މުޖުތަމަޢުތަކުގައި އެކުލެވޭ މުއްސަނދި ޢިލްމުތައް ހޯދައި ދިރާސާކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.