Advertisement

ސަރުކާރުން ދަތުގެ ފަރުވާގެ ދާއިރާ ފުޅާކޮށް ފެންވަރު ރަނގަޅުކުރާނަން: ނައިބު ރައީސް

09 Jul 2026 | 09:38
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު -- ފޮޓޯ: ރައީސް އޮފީސް

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސް ކުރައްވައިފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރައްވައިފައެވެ. ވަކީން ޚާއްޞަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި ވޭތުވެދިޔަ 50 އަހަރު މެދުކެނޑުމެއް ނެތި ޞިއްޙީ ދާއިރާއަށް ކުރައްވަމުން ގެންދަވާ ޚިދުމަތަކީ ހުރިހާ އެންމެންނަށް ރިވެތި ނަމޫނާއެއް ކަމަށާއި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއް ކަމުގައި ސިފަކުރެއްވިއެވެ.

ދަތުގެ ފަރުވާއާ ގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިފަދަ ޚާއްޞަ ޚިދުމަތްތައް ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އަތޮޅުތެރޭގައި ވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ތަކުރާރު ކުރެއްވިއެވެ. އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލައިފައިވާ "އިހުން މިއަދާއި ހަމައަށް" ފޮތް އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށާއި ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފް ކުރެއްވި ބޭފުޅުންނަށް ދެއްވި އެވޯޑުތައް ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.

Advertisement

ކޮމެންޓް