Advertisement

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ފަށައިފި

08 Jul 2026 | 23:50
ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެއާއި އިންޑިއާ އާ ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމެންޓް މުޢާހަދާ ފައިނަލައިޒްކުރުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް އޮތީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޝްރީ ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދެ މިނިސްޓަރުން ވަނީ ބައްދަލުކުރައްވައި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އޮކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ވިޔަފާރިއާއި އިންވެސްޓްމެންޓާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ މައްޗަށެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ރަސްމީ މަޝްވަރާތައް މިހާރު ފެށިފައިވާތީ ދެ މިނިސްޓަރުން ވެސް ވަނީ އެ ކަމަށް މަރުޙަބާ ދަންނަވައިފައެވެ. އަދި ދެ ޤައުމަށް ފައިދާކުރުވަނިވި ގޮތަކަށް އެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ އަރުއްވައިފައެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެފްޓީއޭގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް އައު ބާޒާރުތަކަށް ފުރުޞަތު ފަހިވެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލު ލިބި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޢައިޝަތު އަޒީމާއާއި އިކޮނޮމިކް މިނިސްޓްރީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

ކޮމެންޓް