ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން 28000 ޑޯޒުގެ ވެކްސިން ހަދިޔާކޮށްފި
ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޔުނިސެފުން މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފުގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޔުނިސެފުގެ މި އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާނެ އެހީއެކެވެ. މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން 5495 މީހުންނަށް ވެކްސިން ދީފައިވާ ކަމަށާއި މާލޭ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އާންމުކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ 121 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
މި ބަލި އެންމެ ގިނައިން ޖެހިފައި ވަނީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުއްޖަކަށެވެ.
ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލާފައިވާ ބައްޔެކެވެ.