Advertisement

ޝޫޓިން ނިންމާލުމާއި އެކު ކަންގަނާގެ "ކުއީން 2"އާ ދެކޮޅަށް ބަޔަކު ދައުވާކޮށްފި

08 Jul 2026 | 15:52
ކުއީޏްގެ ޕޯސްޓަރެއް --

ކަންގަނާ ރަނައުޓް ކުއީން ފިލްމުގެ "ސީކުއެލް" ގެ ޝޫޓިން ނިންމާލައިފި ކަމަށް އިއުލާނުކުރިތާ މަދު ދުވަސްކޮޅެއް ފަހުން އެ ފިލްމާ ދެކޮޅަށް 250 ކްރޯރު ރުޕީސްގެ ބޮޑު ދައުވާއެއް ހުށަހަޅައިފިއެވެ.

2014 ވަނަ އަހަރުގެ އޮރިޖިނަލް ކުއީން ފިލްމު ޕްރޮޑިއުސްކުރި ފެންޓަމް ސްޓޫޑިއޯޒް އިން ވަނީ ބޮމްބޭ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. ފެންޓަމް ސްޓޫޑިއޯޒް އިން ބުނީ އޮރިޖިނަލް ފިލްމު ހެދިއިރު ޖިއޯސްޓާ އާ ދެމެދު އެއްބަސްވުމެއް އޮތް ކަމަށާއި އެ އެއްބަސްވުމުގައި ސީކުއެލް ނުވަތަ ޕްރީކުއެލް ހަދާ ނަމަ ދެ ފަރާތަށް ވެސް 50 އިންސައްތައިގެ ހައްގު ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

އެ ސްޓޫޑިއޯ އިން ބުނީ އެއްވެސް ސީކުއެލެއް ނުވަތަ ޑެރިވެޓިވް މަސައްކަތެއް ކުރުމަށް އެ ފަރާތުން ރުހުން ދީފައި ނުވާ ކަމަށެވެ.

ރަޝްމީކަންތު އެންޑް ޕާޓްނާޒް ލީގަލް ފާމް މެދުވެރިކޮށް ޖިއޯސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ހުށަހެޅި ދައުވާގައި ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދިނުމަށާއި 250 ކްރޯރު ރުޕީސްގެ ބަދަލެއް ނަގައިދިނުމަށް ވަނީ އެދިފައެވެ. ފެންޓަމް ސްޓޫޑިއޯޒް އިން ބުނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޖިއޯސްޓާ އާ މުއާމަލާތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ދައުވާ ހުށަހެޅުމާ ގުޅިގެން ޖިއޯސްޓާ އިން ނެރުނު ބަޔާނުގައި ބުނީ އާ ފިލްމަކީ ސީކުއެލެއް ނޫން ކަމަށާއި އެއީ ވަކި މިނިވަން ޕްރޮޑަކްޝަނެއް ކަމަށެވެ. "މި ފިލްމުގައި އޮތީ އޮރިޖިނަލް މިނިވަން ވާހަކައެއް. ކުރީގެ އެއްވެސް މަސައްކަތަކާ ނެރެޓިވް ކެރެކްޓާ ނުވަތަ ކްރިއޭޓިވް ގުޅުމެއް ނެތް. މިއީ ސީކުއެލެއް ވެސް ޕްރީކުއެލެއް ވެސް ނޫން" ކަމަށް ޖިއޯސްޓާ އިން ބުނެފައިވެއެވެ. "'ކުއީން' އެއީ އިނގިރޭސި ބަހުގެ ލަފުޒެއް. ޢާންމު ނަމެއްގެ މައްޗަށް އެއްވެސް ފަރާތަކަށް ހާއްސަ މިލްކުވެރިކަމެއް ނުހޯދޭނެ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

2014 ވަނަ އަހަރުގެ ކުއީން ފިލްމަކީ އަންވިތާ ދަތު ލިޔެ ވިކާސް ބާލް ޑައިރެކްޓު ކުރި ފިލްމެކެވެ. މި ފިލްމަށް ވަނީ އެންމެ މޮޅު ފީޗާ ފިލްމާއި އެންމެ މޮޅު ބަތަލާގެ ޤައުމީ އެވޯޑު ލިބިފައެވެ. ކަންގަނާގެ އިތުރުން ލީސާ ހެއިޑޮން އާއި ރާޖްކުމާރް ރާއޯ ވެސް ފެނިގެންދިޔަ މި ފިލްމު ވަނީ 20 ކްރޯރު ރުޕީސްގެ ބަޖެޓަކުން ހެދި ނަމަވެސް ދުނިޔޭގެ ފެންވަރުގައި 95 ކްރޯރު ރުޕީސްގެ ޢާމްދަނީއެއް ހޯދައިފައެވެ. ކުއީން 2 ގެ ކާސްޓު ނުވަތަ ރިލީޒް ތާރީޚާ ބެހޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް