ޕްކާސްޓިކް ކޮތަޅުން ފީ ނެގުމުގައި ބަދަލެއް ގެންނަ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ގަނޑުކޮށް ކޮތަޅު ގަންނަ ފަރާތްތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފިއެވެ.
މި އިސްލާހުގެ އިތުރުން އިތުރު އިސްލާހުތަކެއް ގެންނަންވެސް ހުށަހަޅާފައިވެ އެވެ. އެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ.
އިސްލާހުގައި ގޮތުން 50 ކޮތަޅަށް ވުރެ ގިނައިން ހުންނަ ކޮތަޅު ބޮނޑި ހިމެނޭނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން އިސްތިސްނާވާ ބާވަތެއްގެ ގޮތުގައެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އިސްތިސްނާވާ ތިން ބާވަތެއް އޮންނައިރު އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި އަޅަން ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާއެވެ. ބިލުގައި ހުށަހަޅާފައިވަނީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވެސް އިސްތިސްނާގެ ތެރޭގައި ހިމެނުމަށެވެ.
ބިލުގައި ހުށަހަޅާފައިވާ އަނެއް ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި އެ ފީ އާ މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެދުން މިނިސްޓްރީއަށް ލާޒިމުކުރުމެވެ. އަދި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ކޮތަޅަށް ފީ ނަގާކަން ކަށަވަރުކުރުމަކީ މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް ހެދުން ވެސް ބިލުގައި ހިމެނެއެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނު މިހާރު އޮތް ގޮތުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނަށް ގަނޑުކޮށް ކޮތަޅު ގަންނައިރު ވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ހޯލްސޭލަރުންނަށް ފީ ދައްކަން ޖެހެއެވެ. ކޮތަޅު ސަޕްލައިކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ތަކުރާރުވާތީ އެ ޤާނޫނަށް ޢަމަލުކުރަން ފެށީއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.