ހިމަބިހިން ރައްކާތެރިވުމަށް އެމްއެންޔޫގައި ވެކްސިން ޕްރޮގްރާމެއް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ "މީސެލްސް އައުޓްބްރޭކް ރިސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުޙައްމަދު ރަފީޤު ޙަސަނެވެ. ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ އާއި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ވިދާޅުވީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް ނަމަވެސް ވެކްސިން ޖެހުމުން ފަސޭހަކަމާ އެކު ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށެވެ. އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެމްއެންޔޫއިން ދޭ އަހައްމިއްޔަތު ފާހަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވީ އެމްއެންޔޫއަކީ 8،000 އަށް ވުރެ ގިނަ ދަރިވަރުންނާއި 700 އެއްހާ މުވައްޒަފުން ހިމެނޭ ބޮޑު މުޖުތަމަޢެއް ކަމަށާއި، މި ބޮޑު އާއިލާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ޔުނިވަރސިޓީގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. މި ވެކްސިން ޕްރޮގްރާމަކީ ކެމްޕަސްތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަން ވެސް ފާހަގަކުރެއްވިއެވެ.
މި ކެމްޕެއިނަކީ އެޗްޕީއޭ އާއި ޞިއްޙަތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކޮށްފައެވެ.