އެމްއެންޔޫގެ "ތެވެލި" ކޮންފަރެންސަށް ރެކޯޑް 330 ދިރާސާ ކަރުދާސް ހުށަހަޅައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ "ތެވެލި" ކޮންފަރެންސަށް މި އަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް ހުށަހަޅައިފިއެވެ.
އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ލިބިފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ. ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ރާއްޖެ އިން ބޭރުގެ 23 ޤައުމަކުން ހުށަހެޅި 77 ދިރާސާ ހިމެނެއެވެ.
"ތެވެލި 2026" ގެ ޝިޢާރަކީ "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓުވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ. ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އީޖާދުތަކާއި ޓެކްނޮލޮޖީ، ސައިންސާއި ޞިއްޙީ ދާއިރާ، ތައުލީމީ ދާއިރާ، އިޤުތިޞާދު އަދި އޭއައި ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. އިނގިރޭސި، ދިވެހި އަދި ޢަރަބި ބަހުން ކަރުދާސް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ.
ކޮންފަރެންސްގެ ތެރެއިން އޮގަސްޓް 17 ވަނަ ދުވަހު ބެޗެލާ ޑިގްރީ ދަރިވަރުންނަށް ޚާއްޞަ "އަންޑަގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް" އެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އޮގަސްޓް 20 ވަނަ ދުވަހު ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕްތައް ކުރިއަށް ދާނެއެވެ. "ތެވެލި 2026" ގައި ހަތަރު ދާއިރާއަކުން އެވޯޑް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ އެންމެ ފާހަގަކޮށްލެވޭ ކަރުދާސް، އާލީ ކެރިއާ ރިސާޗާ، އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް އަދި ބެސްޓް ފެކަލްޓީ އެވޯޑެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ މަތީ ތައުލީމީ ނިޒާމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުން ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. ބައިވެރިންގެ ރެޖިސްޓްރޭޝަން އޮގަސްޓް ފަހެއްގެ ނިޔަލަށް ހުޅުވައިލައިފައިވާ އިރު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 30 އެވެ.