ހުޅުމާލޭ ފޭސް ދޭއްގެ ހޭޅިފަށުގައި ރާއްޖޭގެ މާހައުލާ ގުޅޭ ގަސް އިންދަން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުގެ ހޭޅިފަށުގައި ރާއްޖޭގެ މާހައުލާއި ގުޅޭ ދިވެހި ވަންތަ ގަސްތަކެއް އިންދާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޝަނަލް އޮފިސަރު (ސީއޯއޯ) އަހްމަދު އިބްރާހިމް ސޯޝަލް މީޑިއާގައި ވިދާޅުވީ ގޮނޑުދޮށުގައި އިންދި ގަސްތަކުގެ ތެރޭގައި ދިއްގާ ފުނަ ކާނި ހިރުނދު މިދިލި އަދި ކިނބި ހިމެނޭ ކަމަށެވެ. މިއީ ރާއްޖޭގެ ތިމާވެއްޓަށް ނިސްބަތްވާ ބާވަތްތައް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ގަސްތަކުން ހިޔަލާއި ފެހިކަން ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ގަސްތައް އިންދަން ޖެހޭނީ މީގެ 13 އަހަރު ކުރިން ބިން ހިއްކި އިރުގައެވެ.
ކުރިއަށް އޮތް މަސްތަކުގައި ދެވަނަ ފިޔަވަހީގައި ދިރިއުޅޭނެ އެތައް ހާސް ބަޔަކަށް ބޭނުންވާ އާންމު ސަރަޙައްދުތައް ތަރައްޤީކުރުމަށް ބޮޑު ބައެއް ހޭދަކުރައްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެ ސަރަޙައްދުގައި ބޮޑެތި ރެޒިޑެންޝަލް ޓަވަރުތައް އިމާރާތްވަމުންދާ އިރު ޕާކުތަކާއި ގޮނޑުދޮށުގެ ސަރަޙައްދުތައް ވެގެންދާނީ ޢާއިލާއާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށް ތޮއްޖެހިފައިވާ ދިރިއުޅުމުން ނަފްސާނީ ލުޔެއް ހޯދޭނެ ތަންތަން ކަމުގައި ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ޕްރޮގްރާމްގެ ދަށުން އެޗްޑީސީން އެކަނި އެއް މިލިއަން ގަސް އިންދަން ވަނީ ނިންމައިފަ އެވެ.