Advertisement

އެމްއެންޔޫގެ "ރޮބޮޓިކްސް ހެކަތަން 2026" ކާމިޔާބުކަމާ އެކު ނިންމާލައިފި

21 Jun 2026 | 09:27
-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ރޮބޮޓިކްސް ހެކަތަން 2026: އޮޓޮނޮމަސް މޭޒް ސޯލްވިންގ ޗެލެންޖް" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި މަހުގެ 18 އިން 20 އަށް ކުރިއަށް ދިޔަ މި ތިން ދުވަހުގެ ހެކަތަންއަކީ "އިލެކްޓްރޯނިކްސް ފޯ ރޮބޮޓިކްސް" މާއްދާގެ ދަށުން، ދަރިވަރުންގެ އީޖާދީ ފިކުރާއި އުފެއްދުންތެރިކަމާއި ރޮބޮޓިކްސް އަދި އިންޖިނިއަރިންގގެ ހުނަރުތައް ދައްކާލުމަށް ހުޅުވައިލި ފުރުޞަތެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. މި ހެކަތަންގައި ޖުމްލަ 12 ދަރިވަރުން ބައިވެރިވިއެވެ.

Advertisement

ދަރިވަރުންނަށް ހަވާލުކުރެވުނު މައިގަނޑު މަސައްކަތަކީ އިންސާނެއްގެ އެހީއާ ނުލައި އަމިއްލައަށް މަގު ހޯދައިގެން ދަތުރުކުރާ ރޮބޮޓް ފަރުމާކޮށް، ބިނާކޮށް، ޕްރޮގްރާމްކޮށް އަދި އެ ރޮބޮޓްގެ މަސައްކަތް ދައްކާލުމެވެ. ދަރިވަރުން ވަނީ ހާޑްވެއާ އަދި ސޮފްޓްވެއާ ނިޒާމުތައް އެކުލަވައިލައި، ސެންސަރުތަކާއި ކޮންޓްރޯލް ސިސްޓަމްތައް ބޭނުންކޮށްގެން ރޮބޮޓްތައް ތައްޔާރުކޮށްފައެވެ.

ފެސްޓުން ފާހަގަކުރި ގޮތުގައި މި ހަރަކާތުގެ ސަބަބުން ރޮބޮޓިކްސް، އިލެކްޓްރޯނިކްސް، ޕްރޮގްރާމިންގ އަދި އިންޖިނިއަރިންގ ޑިޒައިންގެ ދާއިރާއިން ކިޔަވައިދެވޭ ތިއަރީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. އޭގެ އިތުރުން ޓީމްވޯކާއި ކަންކަމުގައި ފުންކޮށް ވިސްނުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އިތުރަށް ހަރުދަނާވެގެން ދިޔައެވެ. ހެކަތަން ނިމިގެންދިޔައީ ބައިވެރިން ތައްޔާރުކުރި ރޮބޮޓްތައް ދައްކާލުމަށް ބޭއްވި ޚާއްޞަ މުބާރާތަކުންނެވެ.

މިފަދަ ހަރަކާތްތަކުގެ މަޤުޞަދަކީ ކުރިމަގުގައި އަންނަ ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އީޖާދީ ކުރިއެރުންތައް ހޯދައިދޭނެ ފަންނުވެރިން ބިނާކުރުން ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

Advertisement

ކޮމެންޓް