އިންގްލޭންޑުގެ ރަތް ކާޑު މައްސަލައިގަ ރަސްގެފާނު ޗާލްސްގެ އެހީތެރިކަން ބޭނުންވެފައި!
މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް އެމެރިކާގައި ކުޅޭތީ ވަރަށް ގިނަ ކަންކަން ފީފާއަށް ދަނީ އުސޫލާއި ހިލާފަށް ކުރަން މަޖުބޫރު ކުރުވަމުންނެވެ.
އެންމެ ފަހުން ހިނގި މިފަދަ ހާދިސާ އަކީ ރޭ ގަދަ 16 ގައި އެމެރިކާ އާއި ބެލްޖިއަމް މެޗުގައި ކުރިން ނުކުޅެވޭ ގޮތަށް އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދައްކާފައި އޮތް ރަތް ކާޑެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޯނު ކޯލުތަކާއި އެކު ފީފާގެ ނިންމުން ބަދަލުކޮށް އޭނާއަށް ރޭގައި ކުޅެވޭނެ ގޮތް ހެދި އެވެ.
އެކަމަކު ރޭގެ މެޗުން އެމެރިކާ ވަނީ 4-1 ން ބަލިވެ، މުބާރާތުން ކަޓާފައި އެވެ.
ފީފާގެ ނިންމުމާއި އެކު މިހާރު އެންމެން މަޖާ ނަގަމުން ދައްކާ ވާހަކައަކީ އިންގްލޭންޑުގެ ކުޅުންތެރިޔާ ޖޮރެލް ކުއެންޒާ އަށް ދައްކާފައިވާ ރަތް ކާޑަށް ހަދާނެ ގޮތެކެވެ. އިންގްލޭންޑުގެ ޑިފެންޑަރު ކުއެންޒާއަށް ރަތް ކާޑު ދެއްކީ އާދިއްތަ ދުވަހު މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.
އެ ރަތް ކާޑުގެ ސަބަބުން އިންގްލޭންޑު މުބާރާތުގައި ވާދަ ކުރާ ކުއާޓާ ފައިނަލް މެޗުގައި އޭނާއަކަށް ނުކުޅެވޭނެ އެވެ.
ސޯޝަލް މީޑިއާގައި މަޖާ ނަގަމުންދާ އިންގްލޭންޑުގެ ސަޕޯޓަރުން ބުނަމުންދަނީ އިންތިޒާރު ކުރަމުންދަނީ ރަސްގެފާނު ޗާލްސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅާނެ ވަގުތަކަށެވެ. އަދިި އެ ރަތް ކާޑު މައާފުކޮށްދިނުމަށް އެދުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމެރިކާ އިން ބަލޯގަން ކުޅެން ބޭނުންވި ގޮތަށް އިންގްލޭންޑު ސަޕޯޓަރުންވެސް ކުއެންޒާ ފެނުމަށް ވަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އެފަދަ ކޯލެއް ގޮސްދާނެ ކަމަށްވެސް މިހާރު ބެލެވެމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެއީ ފީފާއިން މީގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ރަތް ކާޑުތައް ސަސްޕެންޑުކޮށްދީފައިވާތީ އެވެ.