Advertisement

އިންޑިއާގައި ބޯކޮށް ވާރޭވެހި 13 މަރު

06 Jul 2026 | 14:01
-

އިންޑިއާގެ މުމްބާއީ އާއި ކައިރި ސަރަހައްދުތަކަށް ހުއްޓައިނުލައި ފާއިތުވި ދެތިން ދުވަހު ރެކޯޑް މިންވަރަކަށް ވާރޭވެހި 13 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މަހާރާޝްޓްރާގެ ވަޒީރު ގިރީޝް މެހެޖަން ބުނީ މުމްބާއީ، ޕާލްގާރް އަދި ރާއިގަޅް ސަރަހައްދަށް ރެކޯޑް މިންވަރަކަށް ވާރެ ވެހި، ވާރެއާ ގުޅުން ހުރި ހާދިސާތަކުގައި 13 މީހަކު މަރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހާދިސާ ހިނގީ ޖުލައި ފަސް ވީ އާދީއްތަ ރޭ މުމްބާއީގެ މެންކާޑް ސަރަހައްދުގައެވެ. ޖަންތާ ނަގަރުގައި ހުރި ތިން ބުރީގެ އެޕާޓްމަންޓްތަކެއް ބިމާ ހަމަވިއެވެ. ފަސް ކުޑަ ކުދިންނާއި އަންހެނެއް ހިމެނޭ ގޮތަށް ހަ މީހަކު މަރުވިއެވެ. މަރުވި ކުދިންގެ ޢުމުރަކީ ދެ އަހަރާ 14 އަހަރާ ދެމެދެވެ. 

Advertisement

އެ ނޫން ވެސް ވާރެއާ ގުޅުން ހުރި ހާދިސާތައް ވަނީ ހިނގައިފައެވެ. ކުރުލާ ވެސްޓުގައި ގަހެއް ވެއްޓި ފިހާރައެއް ތެރޭގައި ހުރި 63 އަހަރުގެ މީހަކު މަރުވެ، އާރޭ ކޮލޮނީގައި ސައިކަލެއް ދުއްވާފައި ދިޔަ 18 އަހަރުގެ ޒުވާނެއްގެ ގައިމައްޗަށް ގޮފިގަނޑެއް ވެއްޓި މަރުވެފައިވެއެވެ. ޗެމްބޫރުގައި ސްކޫލް ބަހެއްގެ މައްޗަށް ގަހެއް ވެއްޓި 11 އަހަރުގެ ކުއްޖެއް ވެސް ނިޔާވެފައިވެއެވެ.

ވާރޭގެ އަސަރު ދަތުރުފަތުރަށް ވެސް ކޮށް، މުމްބާއީ-ޕޫނޭ އެކްސްޕްރެސް ވޭ ބިންގަނޑު ކެނޑިގެން ބަންދުކޮށް، 16 އަށް ވުރެ ގިނަ ރޭލު ދަތުރު ކެންސަލް ކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް