ލަންކާގެ ޑެންގީ ކޭސްތައް 56,000 އަށް ވުރެ މައްޗަށް — އެއް ދުވަހެއްގައި 1,000 އަށް ވުރެ ގިނަ ކޭސް
ސްރީ ލަންކާގައި މި އަހަރު ޑެންގީ ހުމުގެ ކޭސްތައް 56,000 އަށް ވުރެ މައްޗަށް އަރައި، ޞިއްޙީ ނިޒާމަށް ބޮޑު ބުރައަކާ ކުރިމަތިވެއްޖެއެވެ.
ލަންކާގެ ނެޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓް (އެންޑީސީޔޫ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި އެކެއްގެ ނިޔަލަށް 56,422 ކޭސް ރެކޯޑް ކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %30 އިތުރު ޢަދަދެކެވެ. ޖުލައި ދެވަނަ ދުވަހު ވެސް އެއް ދުވަހެއްގައި 1,000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކުރެވުނެވެ.
ޑެންގީގެ ސަބަބުން މި އަހަރު މިހާތަނަށް 20 މީހުން މަރުވެފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ފެތުރެމުން ދާ ޑީއެންވީ-2 ސެރޮޓައިޕަކީ ގިނަ ޢަދަދެއްގެ ކޭސް ރެކޯޑް ކުރެވެން މެދުވެރިވި ސަބަބެކެވެ. ބަލި ޖެހިފައިވާ މީހުންގެ %50 ވެސްޓާން ޕްރޮވިންސުން ރެކޯޑް ކުރެވިފައިވާ އިރު، ކޮލޮމްބޯ ޑިސްޓްރިކްޓުން އެކަނި 11,540 ކޭސް ރެކޯޑް ކުރެވުނެވެ.
ޑެންގީ ފެތުރޭ މައިގަނޑު ސަބަބެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނަނީ ދެކުނު-ހުޅަނގު މޫސުމީ ވާރޭގެ ސަބަބުން ފެން ބޮޑުވެ، މަދިރި އާލާވާ ތަންތަން އިތުރުވުމެވެ. ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބަލިމީހުން އިތުރުވެފައިވާ ކަމަށް އެންޑީސީޔޫއިން ބުނެއެވެ. ޞިއްޙީ ވުޒާރާއިން ވަނީ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ފުޅާ ކޮށް، މަދިރި އާލާވާ ތަންތަން ނައްތައިނުލާ ތަންތަނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ހެލްތު އޮފީސްތަކަށް ދީފައެވެ.