Advertisement

ޓިކްޓޮކް ލައިވެއްގައި ލޯބި ކުރި އިންޑޮނީޝިއާ ޖޯޑަކަށް ހައްދު ޖަހައިފި

04 Jul 2026 | 10:49
-

އިންޑޮނީޝިއާގެ އާޗެ ޕްރޮވިންސްގައި ޓިކްޓޮކް ލައިވެއް ތެރޭ ބޮސްދިން ޒުވާން ޖޯޑަކަށް ޝަރީޢާ ކޯޓަކުން ހައްދު ޖަހައިފިއެވެ.

ކައިވެނި ނުކޮށް ތިބެ ބޮސްދިން (ކިސް ކުރި) މައްސަލައިގައި 22 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނެއް، ރެޓަން ދަނޑިން ކޮންމެ މީހަކަށް 21 އެތިފަހަރު ޖެހީ ބަންދާ އާޗެގެ ބުސްތާނުއްސަލާޠީން ސިޓީ ޕާކުގައި 100 އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައެވެ.

Advertisement

މި ދެ މީހުން ހައްޔަރުކުރީ މި އަހަރުގެ އެޕްރީލް މަހުގައެވެ. ފެބްރުއަރީ 27 ގައި ބަންދާ އާޗެގެ ކާރެއްގައި ބޮސްދޭ މަންޒަރު ޓިކްޓޮކް ލައިވެއް ތެރޭ ފެނި ވައިރަލްވެ، ޝަރީޢާ އޮތޯރިޓީތަކަށް ރިޕޯޓުކުރީއެވެ.

ކޯޓުން ކޮންމެ މީހަކަށް 25 އެތިފަހަރު ޖެހުމަށް ހުކުމް ކުރި ނަމަވެސް، ހައްޔަރުގައި ހަތަރު މަސް ހޭދަކޮށްފައިވާތީ 21 އެތިފަހަރަށް ކުޑަ ކުރީއެވެ. ޓިކްޓޮކް ލައިވް ވީޑިއޯ ހިމެނޭ މޯބައިލް ފޯނަކާއި ޔޫއެސްބީ ޑިވައިސެއް ވެސް ކޯޓުން ހިފެހެއްޓީ ނައްތައިލާ ގޮތަށެވެ. ހަމަ އެ ދުވަހު އިތުރު ހަތަރު މީހަކަށް ވެސް ޖުވާ ކުޅުމާއި ޒިނޭގެ މައްސަލަތަކުގައި ހައްދު ޖެހިއެވެ.

މުސްލިމުން ގިނަ އިންޑޮނީޝިއާގައި އިސްލާމީ ޤާނޫނު ތަންފީޒުކުރާ ހަމައެކަނި ޕްރޮވިންސަކީ އާޗެއެވެ. ވަކިވެގަތުމުގެ ހަނގުރާމައެއް ނިމުމަކަށް ގެނައި ޞުލްޙައިގެ އެއްބަސްވުމެއްގެ ދަށުން 2006 ގައި ދީނީ ޤާނޫނު ހިންގުމުގެ ބާރު ސެންޓްރަލް ސަރުކާރުން އާޗެއަށް ދީފައިވެއެވެ. 2015 ގައި އެ ޤާނޫނު ޣައިރު މުސްލިމުންނަށް ވެސް ހިންގާ ގޮތަށް ފުޅާކުރިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިންޑޮނީޝިއާއިން ބުނީ އާޗެގައި ޢާންމުކޮށް ހައްދު ޖެހުމަކީ އިންސާނީ ކަރާމާތަށް ބެލުމެއް ނެތް އަނިޔާވެރި ޢަމަލެއް ކަމަށެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އުސްމާން ޙާމިދު ބުނީ ސޯޝަލް މީޑިއާގައި ކުރި ކަމެއް ނުރަނގަޅު ކަމަކަށް ވެދާނެ ނަމަވެސް، ޖަލު ހުކުމާއި ހައްދު ޖެހުމާ ހަމައަށް ދިއުމަކީ މާ ބޮޑުވެގެން ދިއުމެއް ކަމަށެވެ.

Advertisement

ކޮމެންޓް