Advertisement

ގަދަ ހޫނުގައި ފްރާންސުން ހަފްތާއެއް ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 Jun 2026 | 14:44
ހޫނު ގަދަވުމުގެ ސަބަބުން ފްރާންސާއި ޔޫރަޕުގައި ދަނީ އިތުރު ވަމުން --

ރެކޯޑު މިންވަރަކަށް ހޫނު ގަދަވެގެން މިދިޔަ ހަފްތާ ތެރޭގައި ފްރާންސުން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ޕަބްލިކް ހެލްތު ފްރާންސުން ބުނީ ހޫނު އެންމެ ގަދަވި ތިން ދުވަހު މަރުވި މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ބުދަ ދުވަހު 1200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ޖެހިގެން އައި ދެ ދުވަހު ކޮންމެ ދުވަހަކު 1400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

Advertisement

ހޫނުގަދަވުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެގައުމުން އެވެރެޖުކޮށް މަރުވެފައިވަނީ 900 އާއި 1000 އާ ދެމެދުގެ ޢަދަދެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މަރުވި މީހުންގެ ތެރެއިން 85 ޕަސެންޓު މީހުންނަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ގޭގައި މަރުވި މީހުންގެ ޑޭޓާ އެއްކުރުމުން މި ޢަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޯސް އެޑަނޮމް ގެބްރެޔެސޫސް ވިދާޅުވީ ޖޫން 21 ވަނަ ދުވަހުން ފެށިގެން މުޅި ޔޫރަޕުގައި ހޫނާ ގުޅިގެން 1300 އަށް ވުރެ ގިނަ އިތުރު މަރު ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ވޯލްޑް ވެދާ އެޓްރިބިއުޝަން ގުރޫޕުގެ ސައިންސްވެރިން ބުނީ މޫސުމީ ބަދަލުތައް ނެތް ނަމަ މި ފަދަ ހޫނުމިން ފެނުމަކީ ނާދިރު ކަމެއް ކަމަށާއި 20 އަހަރު ކުރިއާ އަޅައިބަލާއިރު މި ފަދަ ހޫނު ކުރިމަތިވުމުގެ ފުރުޞަތު މިހާރު ގާތްގަނޑަކަށް 200 ގުނަ އިތުރުވެފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ފިނިހޫނު މިނަށް ބަލާއިރު ޖަރުމަނުގައި 41.7 ޑިގްރީ ސެލްސިއަސް، ޕޮލެންޑުގައި 40.5 ޑިގްރީ ސެލްސިއަސް އަދި ޗެކް ރިޕަބްލިކުގައި 41.9 ޑިގްރީ ސެލްސިއަސް ހޫނު މިން ރެކޯޑު ކުރެވިފައިވެއެވެ.

ހޫނުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގައި ދަނީ ބޮޑެތި ހާދިސާތައް ހިނގަމުންނެވެ. އެގޮތުން ޖަރުމަނުގެ އިރުމައްޗާއި ހުޅަނގު ދެކުނުގައި ޖަންގަލީގެ އަލިފާން ރޯވެ ބާލިންގައި ފުލުހުން ވޯޓާ ކެނަން ބޭނުންކޮށް ރައްޔިތުން ފިނިކޮށްދީފައިވެއެވެ.

ހޫނުގެ ސަބަބުން ހައިވޭތަކާއި ރޭލު ނެޓްވޯކަށް ގެއްލުން ލިބި 600 އަށް ވުރެ ގިނަ ފަސެންޖަރުން ބާރު ކެނޑުނު ރޭލަކުން ބާލައި ލައިޕްޒިގުގައި ޓްރާމް ޚިދުމަތް ހުއްޓާލާފައިވެއެވެ. ދެކުނު ސްވީޑެންގެ މުނިފޫހިފިލުވުމުގެ ޕާކަކަށް ހޮނު އެޅި ބައެއް މީހުންނަށް އަނިޔާވެފައިވާ އިރު ޑެންމާކުގައި 1100 އަށް ވުރެ ގިނަ ހޮނު އެޅިފައިވެއެވެ.

Advertisement

ކޮމެންޓް