ޖަޕާނުގެ ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ އަންނަ ޖުލައި މަހުގެ 1 އިން 3 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ 16 ވަނަ އިންޑިއާ-ޖަޕާން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ. މިއީ ބޮޑުވަޒީރު ތަކައިޗީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ބޮޑުވަޒީރު މޯދީ ޓޯކިޔޯއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ދެ އަހައްމިއްޔަތުކަން ހާމަކޮށްދޭ ދަތުރުފުޅެއްކަމަށްވެސް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ސިފަކުރެއެވެ.
މި ސަމިޓުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލޭޓަރަލް ގުޅުން އެކި ދާއިރާތަކުން މުރާޖަޢާކޮށް ވަރުގަދަކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި، މީގެ އިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިކަން ހުރި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާނެ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ނެރުނު ބަޔާނުގައިވެއެވެ.