ދޮގު ހެދުމާއި އަހުދާއި ހިލާފުވުމަކިީ ހައްދު ފަހަނައަޅާފައިވާ މުނާފިގުންގެ ސިފައެއް!
އަމާނާތްތެރިކަމަށް ރައްކާތެރިވުމާއި މުނާފިޤުކަމުގެ ސިފަތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ޚުޠުބާގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމާނާތްތައް އަދާކުރުމަށް އަމުރުކުރައްވާފައިވާކަން ބަޔާންކުރައްވައި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތައް ހާމަކުރެއްވި އެވެ.
މުނާފިޤުންގެ ހަތަރު ސިފައެއް ބަޔާންކުރައްވާފައިވާކަން ހުތުބާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އަމާނާތަށް ޚިޔާނާތްތެރިވުމާއި ވާހަކަ ދައްކާއިރު ދޮގު ހެދުމާއި ޢަހުދު ވެއްޖެ ނަމަ ޢަހުދާ ޚިލާފުވުމާއި ޚުޞޫމަތެއް ހިނގައިފި ނަމަ ހައްދު ފަހަނައެޅުން ހިމެނޭ ކަމަށް ބަޔާންކުރައްވާފައިވެއެވެ.
ސޫރަތުލް މުއުމިނޫންގެ 8 ވަނަ އާޔަތާއި 11 ވަނަ އާޔަތުން ދަލީލު ގެންނަވައި އަމާނާތްތެރިކަމާއި ޢަހުދަށް ރައްކާތެރިވާ މީހުންނަކީ ކާމިޔާބު ލިބިގެންވާ މީހުން ކަމަށް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ. އަދި "އީމާންކަން ނެތް މީހާއަށް އަމާނާތެއް ނެތެވެ. އަދި ޢަހުދު ނެތް މީހާއަށް ދީނެއް ނެތެވެ" މި މާނައިގެ ޙަދީޘް ގެންނަވާފައިވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ﷲ ގެ ތަޤުވާ އިޚްތިޔާރުކުރުމަށް ގޮވާލައްވައި ސޫރަތު އާލް ޢިމްރާންގެ 102 ވަނަ އާޔަތުން ދަލީލު ދައްކަވާފައިވެއެވެ. އަދި މުސްލިމުންނާއި މުއުމިނުންނަށް ފާފަ ފުއްސެވުމަށާއި ބަލިކަށިވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުމަށް ދުޢާ ކުރައްވާފައިވެއެވެ.