ޒާތީ ޓެކްސްގެ ގޮތުގައި އިނގިރޭސި ރަސްގެފާނު 30 މިލިއަން ޕައުންޑް ދައްކަވައިފި
އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިންވަނަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަސްކަމަށް އިސްވެވަޑައިގެންނެވި ފަހުން ޒާތީ ޓެކްސްގެ ގޮތުގައި 30 މިލިއަން ޕައުންޑް (39.6 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ޢަދަދެއް ދައްކަވާފައިވާ ކަމަށް ބަކިންހަމް ޕެލެސް އިން ހާމަކޮށްފިއެވެ.
ރަސްކަމުގައި ހުންނެވި ބޭފުޅެއްގެ ޒާތީ ޓެކްސް މަޢުލޫމާތު ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
ބަކިންހަމް ޕެލެސް އިން ބުނެފައިވާ ގޮތުގައި މި މަޢުލޫމާތު ހާމަކުރީ ޝާހީ ޢާއިލާގެ މާލީ ކަންކަމާ މެދު ޢާންމުންގެ ފާރަވެރިކަން އިތުރުވަމުން ދާ ދަނޑިވަޅެއްގައި "ހާމަކަމަށް އޮތް ވަޢުދު" ގެ ދަށުންނެވެ.
ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވި ފަހުން ފުރިހަމަ ދެ ޓެކްސް އަހަރުގައި ޒާތީ ޓެކްސްގެ ގޮތުގައި 24.6 މިލިއަން ޕައުންޑް ދައްކަވާފައިވެއެވެ. އެއީ 2023-24 ވަނަ އަހަރު 11.7 މިލިއަން ޕައުންޑާއި 2024-25 ވަނަ އަހަރު 12.9 މިލިއަން ޕައުންޑެވެ.
ރަސްގެފާނުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް ވެސް ވަނީ ފުރަތަމަ ފަހަރަށް ޒާތީ ޓެކްސް މަޢުލޫމާތު ހާމަކުރައްވައިފައެވެ.
ބައްޕާފުޅު ރަސްކަމަށް އިސްވެވަޑައިގެންނެވުމާ އެކު ޕްރިންސް އޮފް ވޭލްސްގެ ލަޤަބު ވާރުތަކުރެއްވި ފަހުން ވިލިއަމް ވަނީ ޒާތީ އާމްދަނީ އާއި ކެޕިޓަލް ގެއިންސް ޓެކްސްގެ ގޮތުގައި 20 މިލިއަން ޕައުންޑަށް ވުރެ ބޮޑު ޢަދަދެއް ދައްކަވައިފައެވެ. އެއީ 2023-24 ވަނަ އަހަރު 8.34 މިލިއަން ޕައުންޑާއި 2024-25 ވަނަ އަހަރު 7.76 މިލިއަން ޕައުންޑެވެ.
އިނގިރޭސިވިލާތުގެ ޤާނޫނުގެ ދަށުން ރަސްކަމުގައި ހުންނަވާ ބޭފުޅާ ވަކި ޓެކްސްތަކުން އިސްތިސްނާވެވަޑައިގެންފައި ވީ ނަމަވެސް އެތައް ޒަމާނެއް ކުރިއްސުރެ ޝާހީ ޢާއިލާއިން ދަނީ އަމިއްލަ އިޚުތިޔާރުގައި ބައެއް ޒާތީ ޓެކްސް ދައްކަވަމުންނެވެ.
ޒާތީ ޓެކްސް ބިލް ހާމަކުރެއްވުމުގެ ޤާނޫނީ ލާޒިމެއް ވެސް ނެތެވެ.