ޢާޝޫރާ ދުވަހު ރޯދަ ހިފުމަށާއި ބިދުޢަ އިން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
މުޙައްރަމް މަހުގެ ދިހަ ވަނަ ދުވަސް ކަމަށްވާ ޢާޝޫރާ ދުވަހު ރޯދަ ހިފުމަށާއި، އެ ދުވަހާ ގުޅުވައިގެން ކުރެވޭ ބިދުޢަތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ޢާޝޫރާ ދުވަސް" މި މައުޟޫޢަށް ޚާއްޞަކޮށްގެން ކިޔައިދިން ޚުތުބާގައި ބުނީ، ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި ޢިބުރަތްތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އެ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މާތް ﷲ ސަލާމަތްކޮށްދެއްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ.
ޚުތުބާގައި ބުނީ، ލޮބުވެތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވި އިރު ޔަހޫދީން އެ ދުވަހު ރޯދަ ހިފާ ސަބަބު އޮޅުންފިލުއްވުމަށްފަހު "މޫސާގެފާނަށް ޓަކައި ތިޔަބައިމީހުންނަށް ވުރެ ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނު" ކަމަށް ޙަދީޘްކުރައްވައި، އެ ދުވަހު ރޯދަފުޅު ހިއްޕެވި ކަމަށެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް ﷲ ގެ ޙަޟުރަތުން ފުއްސަވައިދެއްވާނެ ކަމެއް ކަމަށް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ކަމަށެވެ.
ޚުތުބާގައި އިތުރަށް ބުނީ، ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން ޢާޝޫރާ ދުވަހާ އެކު އޭގެ އެއް ދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން ވެސް ރޯދަ ހިފުމަށް ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެންމެ ފުރިހަމަ ގޮތަކީ ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހާއި އެގާރަ ވަނަ ދުވަހު ރޯދަ ހިފުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ވަނީ، މާތް ﷲ ރުއްސުންލެއްވި ޙުސައިނުގެފާނު ޝަހީދުވެވަޑައިގެންނެވުމާ ގުޅުވައި ބައެއް ފަރާތްތަކުން ބިދުޢަތައް އީޖާދުކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. އެ ފަދަ ޢަމަލުތައް ޒަމާނީ މީޑިއާ މެދުވެރިކޮށް މުސްލިމް މުޖުތަމަޢުތަކަށް ފެތުރެމުންދާ ކަމަށާއި، މި ފަދަ ބިދުޢަތަކާ ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މުޙައްރަމް މަހަކީ މާތް ﷲ ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެ ހަތަރު މަހަކީ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބެވެ.