Advertisement

އިންޑިއާގައި 132 ފޫޓުގެ މޮބައިލް ޓަވަރެއް ވަގަށް ނަގައިފި

18 Jun 2026 | 11:36
-

އިންޑިއާގެ ބިހާރު ސްޓޭޓުގެ ބަކްސަރު ޑިސްޓްރިކްޓުގައި ހުރި 132 ފޫޓު އުސް ޓެލެކޮމް ޓަވަރަކާއި ޖެނެރޭޓަރެއް ވަގަށް ނަގައިފި.

މި ހާދިސާ ހިނގިކަން އެނގުނީ ޖީޓީއެލް އިންފްރާސްޓްރަކްޗާ ކުންފުނީގެ މުވައްޒަފުން އެ ޓަވަރު މަރާމާތުކުރަން ޑުމްރައޯންއަށް ދިޔައިރު ޓަވަރު ހުރި ތަނުގައި ޓަވަރު ނެތުމުންނެވެ. އެ ޓަވަރާ އެކު 15 ކޭވީއޭގެ ޖެނެރޭޓަރު ސެޓަކާއި އެހެނިހެން ޓެކްނިކަލް އާލާތްތައް ވެސް ވަނީ ގެއްލިފައެވެ. އެ ޓަވަރު ހުރީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ މެދުގައި ކަމަށް ވާއިރު އެއްވެސް މީހަކަށް ފާހަގަނުވެ އެ ޓަވަރު ގެއްލުމުން ސަރަހައްދުގެ ރައްޔިތުން ވެސް ވަނީ ހައިރާންވެފައެވެ.

Advertisement

ކުންފުނީގެ މަންދޫބަކު ޑުމްރައޯން ޕޮލިސް ސްޓޭޝަނަށް ލިޔުމުން ޝަކުވާ ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ. ބަކްސަރުގެ ފުލުހުންގެ ވެރިޔާ ޝުބަމް އާރްޔާ ބުނީ ޓަވަރު ނެގުމާ ގުޅޭ ޝަކުވާއެއް ލިބިފައިވާ ކަމަށާއި ބިމުގެ ވެރިފަރާތާއި ކަމާ ގުޅުން ހުރި ފަރާތްތަކާ ސުވާލުކުރާނެ ކަމަށެވެ.

ބިމުގެ ވެރިޔާ ހަރެނާތު ޔާދަވް ބުނީ ގާތްގަނޑަކަށް 10 އަހަރު ކުރިން ކުންފުންޏާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި 2022 ވަނަ އަހަރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވެ ބިމުގެ ކުލި ދެއްކުން ވެސް ކުންފުނިން ހުއްޓާލި ކަމަށެވެ. "ކުންފުންޏަށް ހަތަރު ނޯޓިސް ފޮނުވީމެވެ. އެކަމަކު އެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. މިހާރު މި އެނގުނީ ޓަވަރު ގެއްލިފައިވާ ކަން" ކަމަށް އޭނާ ބުންޏެވެ. ސަރަހައްދުގައި ދިރިއުޅޭ ވިކާސް ކުމާރު ސިންގް ބުނީ އެ ޓަވަރު ގާތްގަނޑަކަށް 15 އަހަރު ކުރިން ބެހެއްޓި ނަމަވެސް އެތައް އަހަރެއް ވަންދެން ބޭނުން ނުކޮށް ހުރި ކަމަށެވެ.

ބިހާރުގައި މީގެ ކުރިން ވެސް މިފަދަ ހައިރާންކުރުވަނިވި ވައްކަންތައް ހިނގާފައިވެއެވެ. 2022 ވަނަ އަހަރު ރޯހްތާސް ޑިސްޓްރިކްޓުގައި އިނގިރޭސީންގެ ދައުރުގައި ބިނާކުރި 60 ފޫޓު ދިގު 500 ޓަނުގެ ދަގަނޑު ރޭލް ބްރިޖެއް ސަރުކާރު އޮފިޝަލުންގެ ގޮތުގައި ހެދިގެން ތިބި ވަގުން ވަގަށް ނެގިއެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީގައި ސަމަސްތިޕޫރު ޑިސްޓްރިކްޓުން 2 ކިލޯމީޓަރުގެ ރޭލް ޓްރެކެއް ވެސް ވަގަށް ނެގިއެވެ.

Advertisement

ކޮމެންޓް