Advertisement

ރ. އަތޮޅުގެ ހަ ރަށެއްގެ ރައްޔިތުންނަށް ކެންސަރު ސްކްރީނިންގ ޕްރޮގްރާމެއް ހިންގަނީ

17 Jun 2026 | 14:43
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ރަށެއްގައި ކުރިއަށްގެންދިޔަ ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ: ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ރ. އަތޮޅުގެ ހަ ރަށެއްގެ ރައްޔިތުންނަށް އަމާޒުކޮށް ފަސް ވައްތަރެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 25 އިން 27 އަށް ހިންގަން ހަމަޖައްސައިފިއެވެ.

މި ޕްރޮގްރާމުގައި ސްކްރީން ކުރާ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރު ހިމެނެއެވެ.

Advertisement

ތިން ދުވަހަށް ބަހައިލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރަތަމަ ބާއްވާނީ 25 ޖޫންގައި ރ. މަޑުއްވަރީ ސިއްޙީ މަރުކަޒުގައި، މަޑުއްވަރީ ރައްޔިތުންނަށެވެ. ދެވަނަ ދުވަހު، 26 ޖޫންގައި ރ. މީދޫ ސިއްޙީ މަރުކަޒުގައި މީދޫ އަދި އިންނަމާދޫ ރައްޔިތުންނަށް ހުޅުވައިލާނެއެވެ. ތިންވަނަ ދުވަހު، 27 ޖޫންގައި ރ. އިނގުރައިދޫ ސިއްޙީ މަރުކަޒުގައި އިނގުރައިދޫ، ފައިނު އަދި ކިނޮޅަހު ރައްޔިތުންނަށް ޚިދުމަތް ދޭނެއެވެ.

ކެންސަރ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިއާ ސައީދު ދުވަހަށް ވިދާޅުވީ، މި ރަށްތައް ޚިޔާރުކުރީ 2023 ވަނަ އަހަރު އެ ރަށްތަކަށް ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިންގ ނުގެންދެވި އޮތީމާ ކަމަށެވެ. އެ ޖަމިއްޔާއިން 2014 ވަނަ އަހަރުން ފެށިގެން ކެންސަރު ސްކްރީނިންގ އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގަމުން އަންނައިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާތަނަށް ޕްރޮގްރާމް ހިންގާފައިވާ ކަމަށް ޖުވޭރިއާ ވިދާޅުވިއެވެ.

"ދެ ފަހަރު ނޫނީ ތިން ފަހަރު ރަށަކަށް ދިޔައިމާ ރައްޔިތުންގެ ވައްޓަފާޅިއަށް އަންނަ ބަދަލު ދެނެގަނެވޭ. ސްކްރީނިންގ ޑޭޓާބޭސް ވެސް ހަމަ އަޅަމުން މި ގެންދަނީ" ކަމަށް ޖުވޭރިއާ ވިދާޅުވިއެވެ. މި އަހަރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މި ޕްރޮގްރާމް ގެންދިއުން ކަމަށް ވެސް ވިދާޅުވިއެވެ.

ޖުވޭރިއާ ފާހަގަކުރެއްވި ގޮތުގައި، ޑޮކްޓަރުންގެ ޓީމަށް މަހަކު ލިބެނީ އެއް ވީކެންޑެވެ. ދެ ދުވަހުން ނުނިމޭތީ އެއް ފަހަރަކު ގެންދެވެނީ ގިނަވެގެން ތިން ރަށަށެވެ. ލޮޖިސްޓިކް ގޮތުން ވެސް ގޮންޖެހުންތައް ހުރި ކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމް ހިންގަނީ ރ. އަތޮޅުގެ ސިއްޙީ މަރުކަޒުތަކާއި ރަށު ކައުންސިލްތައް ގުޅިގެންނެވެ.

Advertisement

ކޮމެންޓް