Advertisement

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ގެނެސްފި

15 Jun 2026 | 12:58
އުޅަނދު ބަނދަރަށް ވަނީ، ކަނޑުމަތީގެ އާދަކާދައާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު، ބަނދަރަށް ވަނުމާ އެކު ވޯޓަ ސެލިއުޓެއް ވެސް އެރުވި.

ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށް ފަހު، އޮސްޓްރޭލިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ހެނދުނު ހުޅުމާލޭ ބަނދަރަށް ގެނެސްފިއެވެ.

އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން ހުޅުމާލެއަށް އައި މި އުޅަނދަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. އުޅަނދު ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދައާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކުގައެވެ. ބަނދަރަށް ވަނުމާ އެކު ވޯޓަ ސެލިއުޓެއް ވެސް އެރުވިއެވެ.

Advertisement

މި އުޅަނދަކީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމުގެ ދަށުން ހަދިޔާކުރި، ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ. ރާއްޖެ ގެނައުމުގެ ކުރިން ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.

މި އުޅަނދު ޖުލައި މަހުގެ ތެރޭގައި ކޮމިޝަންކޮށް ރަސްމީކޮށް ޚިދުމަތަށް ނެރޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އުޅަނދާ އެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީ ޙާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

މި އުޅަނދު ހޯއްދެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާޢީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ޤާބިލުކަން ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ފުރިހަމައަށް ބެލެހެއްޓޭ ފެންވަރަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ މުހިންމު ވަޢުދުފުޅެކެވެ.

Advertisement

ކޮމެންޓް