އުމުރުން އެންމެ އަށް އަހަރުގެ ރާމިސާ ރޭޕްކޮށް ބޯ ބުރިކޮށްލައި މަރާލި ދެމަފިރިންނަށް މަރުގެ ހުކުމް އިއްވައިފި
ބަންގާޅުގެ ވެރިރަށް ޑާކާގައި އުމުރުން އެންމެ އަށް އަހަރުގެ ރާމިސާ އަޚްތަރު ރޭޕްކޮށް، އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި، އެ ކުއްޖާގެ އަވައްޓެރިޔާ ސޮހެލް ރާނާ އާއި އޭނާގެ އަންހެނުން ސުވަޕްނާ އަޚްތަރުގެ މައްޗަށް މިއަދު މަރުގެ ހުކުމް އިއްވައިފިއެވެ.
ޑާކާ މެޓްރޮޕޮލިޓަން ޗިލްޑްރެންސް ވައިލެންސް ސަޕްރެޝަން ޓްރައިބިއުނަލުގެ ފަނޑިޔާރު މަސްރޫރް ސާލެކިން މި ހުކުމް އިއްވީ މިއަދު ހެނދުނު 11:00 ގައި ޝަރީޢަތް ފައްޓަވައި، 11:37 ގައެވެ. މިއީ ބަންގާޅުގެ ޝަރުޢީ ތާރީޚުގައި މިފަދަ ބޮޑު މައްސަލައެއް އެންމެ އަވަހަށް ނިންމި އެއް ފަހަރެވެ. ޖޫން އެއް ވަނަ ދުވަހު ދައުވާ އުފުލައި، ޖޫން ހަތަރެއްގައި ދެ ފަރާތުގެ ބަހުސް ނިންމައި، ހަފުތާއެއް ތެރޭ ހުކުމާ ހަމައަށް ވާސިލުވީއެވެ.
ޕޮޕިއުލާ މޮޑެލް ހައި ސްކޫލުގެ ގްރޭޑް ދޭއްގައި ކިޔަވަމުން ދިޔަ ރާމިސާ މަރާލީ މެއި 19 ވަނަ ދުވަހު، ޑާކާގެ މީރްޕޫރުގެ ޕައްލަބީ ސަރަޙައްދުގައި ހުންނަ ސޮހެލް ރާނާގެ ފްލެޓުގައެވެ. ރިކްޝާ މެކޭނިކެއްގެ ގޮތުގައި މަސައްކަތްކުރާ 32 އަހަރުގެ ސޮހެލް، އެ ކުއްޖާ ރޭޕްކޮށް ބޯ ބުރިކޮށްލީއެވެ. ރާމިސާގެ ހަށިގަނޑު ފެނުނީ އެނދު ދަށުން ކަމަށް ވާއިރު، ބޯ ފެނުނީ ފާޚާނާގެ ބާލިދީއެއްގެ ތެރެއިންނެވެ. ސޮހެލް ކޮޓަރީގެ ދަގަނޑު ދާރަ ކަނޑައިގެން ފިލައިގެން ދިޔަ ނަމަވެސް، އެ ދުވަހު ރޭ ހައްޔަރުކުރިއެވެ.
ޝަރީޢަތުގައި ސޮހެލް ރާނާ ކުށަށް އިޢުތިރާފުވެފައިވާ އިރު، އޭނާގެ އަންހެނުން ސުވަޕްނާގެ މައްޗަށް ސާބިތުވީ މި ޖަރީމާ ހިންގުމަށް އެހީތެރިވެދިން ކަމުގެ ކުށެވެ. މި ހުކުމާ ގުޅިގެން ރާމިސާގެ އާއިލާއިން ވަނީ ޝަރީޢަތަށް ޝުކުރު އަދާކޮށް، އިންސާފު ލިބުނު ކަމަށް ބުނެފައެވެ.
ރާމިސާގެ މައްސަލައާ ގުޅިގެން ބަންގާޅުގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތައް ބާއްވައި، ކުށްވެރިންނަށް އެންމެ ހަރުކަށި ޢަދަބު ދިނުމަށް ޢާންމުން ގޮވައިލިއެވެ. ބޮޑުވަޒީރު ތާރިގް ރަޙްމާން ވެސް މެއި 23 ގައި ވަޢުދުވެފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ރާމިސާގެ ގާތިލަށް އެންމެ ހަރުކަށި ޢަދަބު ކަށަވަރުކޮށްދޭނެ ކަމަށެވެ.