Advertisement

12 އަހަރުގެ ކުއްޖެއް ކަމަށް ހެދިގެން އާއިލާއެއް ކައިރީ 14 މަސް ދިރިއުޅުނު 37 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

06 Jun 2026 | 08:50
-

ބްރެޒިލްގައި 37 އަހަރުގެ އަންހެނަކު 12 އަހަރުގެ ކުޑަކުއްޖެއް ކަމަށް ހެދިގެން އާއިލާއެއް ކައިރީ 14 މަސް ދުވަހު ދިރިއުޅުނު މައްސަލައެއްގައި ފުލުހުން އެ އަންހެން މީހާ ހައްޔަރުކޮށްފިއެވެ.

އަމަންޑާ މާރިއާ ސޫޒާ ޑެ އޮލިވެއިރާ ހައްޔަރުކުރީ ޖޫން ދޭއްގައި، ދެކުނު ބްރެޒިލްގެ ޖޮއިންވިލޭ ސިޓީންނެވެ. ފުލުހުން ބުނީ އެ އަންހެން މީހާ "ގެބްރިއެލޭ" ގެ ނަމުގައި ޖޮއިންވިލޭގެ ފައްޅިއެއްގެ ޕާސްޓަރަކާ ގާތްވެ، ބައްޕަގެ އަނިޔާއިން ފިލައިގެން އައި ކުއްޖެއް ކަމަށް ބުނީ ކަމަށެވެ. ފައްޅީގެ ޖަމާއަތުން ފައިސާގެ އެހީ ދީ، ހުންނާނެ ތަނެއް ހޯދައިދިނުމަށް ފަހު އެ އާއިލާއިން ގެއަށް ގެންދިޔައީއެވެ.

Advertisement

ބޮޑު މީހެއްހެން ފެންނަ ސަބަބު ކިޔައިދިނުމަށް، ކުޑައިރު ބައްޕަގެ އަނިޔާގެ ސަބަބުން ހޯމޯން ފަރުވާ ދީފައިވާ ކަމަށް ބުންޏެވެ. އޯޓިޒަމް ހުންނަ ކަމަށް ބުނެ، ބޭބީ ބޮޓުލް ބޭނުންކޮށް، ޕެސިފަޔާ ޖަހައި، ކުޑަކުދިންގެ އަޑުން ވާހަކަ ދައްކައި، ރޭގަނޑު ޕެނިކް އެޓޭކް ޖެހޭ ކަމަށް ވެސް ހެދި ކަމަށް ފުލުހުން ބުންޏެވެ.

އެ އާއިލާ ވަނީ 12 ވަނަ އުފަންދުވަހުގެ ޕާޓީއެއް ބާއްވައިދީ، ފަލަބަލީގެ ފަރުވާއަށް އަގުބޮޑު ބޭސް ވެސް ގަނެދީފައެވެ. ރަސްމީކޮށް އެޑޮޕްޓުކުރާން ވެސް ވިސްނި ނަމަވެސް، ސްކޫލަށް ވައްދާން އުޅުމުން ބައްޕަ ހޯދައިފާނެ ކަމަށް ބުނެ ދެކޮޅު ހެދިއެވެ. އެންމެ ފަހުން އާއިލާގެ ތިމާގެ މީހަކު ޝައްކުވެ ފުލުހުންނަށް އެންގީއެވެ.

ހައްޔަރުކުރުމަށް ފަހު އެ އަންހެން މީހާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. ފްރޯޑާއި ދޮގު އައިޑެންޓިޓީގެ ދައުވާ އުފުލައި ޖޮއިންވިލޭ ޖަލުގައި ބަންދުކޮށްފައިވެއެވެ. ފުލުހުން ބުނީ މިއީ އޭނާ ފުރަތަމަ ފަހަރު ކުރި ކަމެއް ނޫން ކަމަށާއި، ބްރެޒިލްގެ މަދުވެގެން ހަތް ސްޓޭޓެއްގައި ހަމަ މި ގޮތަށް އޮޅުވައިލައިފައިވާ ކަމަށެވެ. 2023 ވަނަ އަހަރު ރިއޯ ޑެ ޖެނެއިރޯގައި "މާރިއާ އެޑުއާޑާ" ގެ ނަމުގައި 12 އަހަރުގެ ކުއްޖެއް ކަމަށް ހެދިގެން، ކުރީގެ ކައުންސިލް މެންބަރެއް ވެސް އޮޅުވައިލި ކަމަށް ފުލުހުން ބުންޏެވެ. 

Advertisement

ކޮމެންޓް