Advertisement

އަންޑަމަން ކަނޑުގެ ފުނުން އިންޑިއާއިން ގުދުރަތީ ގޭސް ހޯދައިފި

05 Jun 2026 | 21:04
-

އިންޑިއާގެ ދައުލަތުގެ ތެޔޮ ކުންފުނި އޮއިލް އިންޑިއާ ލިމިޓެޑުން އަންޑަމަން ކަނޑުގައި ކޮނުނު އެކްސްޕްލޮރޭޓަރީ ވަޅަކުން ގުދުރަތީ ގޭސް ހޯދައިފިއެވެ.

އިންޑިއާގެ ޕެޓްރޯލިއަމް ވަޒީރު ހަރުދީޕް ޕޫރީ ބުނީ ގޭސް ފެނިފައި ވަނީ "ސްރީ ވިޖަޔަޕޫރަމް-3" ގެ ނަން ދީފައިވާ ވަޅަކުން ކަމަށެވެ. އެ ވަޅު ހުންނަނީ އަންޑަމަން ޖަޒީރާތަކުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 15 ކިލޯމީޓަރު ބޭރުން، 355 މީޓަރު ފުނުގައެވެ. ވަޅު ކޮނެފައި ވަނީ 1,900 މީޓަރަށް ވުރެ ފުނަށެވެ.

Advertisement

ޕޫރީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުރަތަމަ ޕްރޮޑަކްޝަން ޓެސްޓިންގައި މެދުނުކެނޑި ގޭސް އަނދަމުން ދިއުމުން، ގުދުރަތީ ގޭސް ހުރިކަން ޔަގީންވެފައިވާ ކަމަށެވެ. "އަންޑަމަން ކަނޑުގައި ހަކަތައިގެ ފުރުސަތުތައް ވަރުގަދަވެއްޖެ" ކަމަށް ވެސް ޕޫރީ ބުންޏެވެ.

އޮއިލް އިންޑިއާ ލިމިޓެޑުން މިހާރު ދަނީ ގޭހުގެ ސާމްޕަލް ނަގައި، ގޭހުގެ ބާވަތާއި ހަކަތައިގެ ބާރުމިން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަންޑަމަން ބެސިންގައި މި ފަހަރު ކޮނުނު ތިން ވަޅުގެ ތެރެއިން ދެ ވަޅަކުން ވަނީ ހައިޑްރޯކާބަން ފެނިފައެވެ.

މި ހޯދުން ގުޅިފައި ވަނީ އިންޑިއާ ސަރުކާރުގެ "ސަމުންދަރް މަންތަން މިޝަން" (ނެޝަނަލް ޑީޕް ވޯޓާ އެކްސްޕްލޮރޭޝަން މިޝަން) ގެ ދަށުންނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ 2025 ވަނަ އަހަރުގެ މިނިވަން ދުވަހު އިޢުލާނުކުރެއްވި މި މިޝަންގެ ދަށުން، އިންޑިއާގެ ކަނޑުގެ ސަރަހައްދުތަކުގައި ޑީޕް ވޯޓާ އަދި އަލްޓްރާ ޑީޕް ވޯޓާ އެކްސްޕްލޮރޭޝަންގެ ގިނަ ވަޅުތަކެއް ކޮންނަން ރާވާފައިވާކަމަށެވެ. 

Advertisement

ކޮމެންޓް