ހިތަދޫ އުތުރު ގޮނޑިއަށް ވާދަވެރި ބައި-އިލެކްޝަނެއް މާދަމާ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 4,121 މީހުންނަށެވެ. ވޯޓު ކަރުދާސް 4,154 ޗާޕުކޮށް، ވޯޓު ކަރުދާހާއި ފޮށިތައް މިހާރު އައްޑޫ ސިޓީއަށް ފޮނުވައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މި ގޮނޑިއަށް ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ޢަބްދުﷲ ޞާދިޤެވެ. ބައި-އިލެކްޝަނާ ގުޅިގެން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕެއިން ކުރުން މަނާވާނެއެވެ.
ބައި-އިލެކްޝަނުގައި ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާ ދެ ފޮށްޓާއި އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ ފަސް ފޮށްޓެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓަށް ބޭނުންވާ އޮފިޝަލުން ހަމަވެ، ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގައިފައިވާ ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް ނުދައްކާ ކަމަށް ސާބިތުވެ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.