Advertisement

ބާރުބޮޑު ޝެޑިއުލާ އެކު ވޯލްޑް ކަޕް ކުރިމަތީގައި އަނިޔާގެ ލިސްޓް ދިގުވެފައި

04 Jun 2026 | 15:26
-

ވޯލްޑް ކަޕް 2026 ފެށެން ހަފުތާއަކަށް ވެފައިވާއިރު، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑެތި ތަރިންތަކެއް އަނިޔާގެ ސަބަބުން މުބާރާތުން ވަކިވެ، އެތައް ތަރިންނެއް ހަމަ ކިރިޔާ ސަލާމަތްވެފައިވާ ކަމަށް އޭޕީން ރިޕޯޓުކޮށްފިއެވެ.

އެންމެ ބޮޑު ސިހުމެއް ލިބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިދިޔަ މަހު އިންޓަ މަޔާމީގެ މެޗެއްގައި އަނިޔާވެގެން ދަނޑުން ބާލައިގެންނެވެ. މަސްކިއުލާ ފެޓީގް ކަމަށް ސިފަކުރެވުނު އެ އަނިޔާއިން މެސީ މުޅިން ރަނގަޅުވެފައިވާ ކަމެއް އަދި ޔަގީނެއް ނޫނެވެ. ނަމަވެސް ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ޗެމްޕިއަން ޓީމުގެ ސްކޮޑުގައި މެސީ ހިމަނައިފައެވެ.

Advertisement

ސްޕެއިނުގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް ސީޒަނުގެ ފަހު ހަފުތާތަކުގައި ހެމްސްޓްރިންގް އަނިޔާއެއްގެ ސަބަބުން ބާސެލޯނާގެ މެޗުތައް ގެއްލުނެވެ. "އަނިޔާވި ވަގުތު ހިތާހިތުން ދުޢާ ކުރީ ސީރިއަސް ނުވާށޭ، ކްރޭމްޕެއް ވީމައޭ — ވޯލްޑް ކަޕް ވަރަށް ކައިރީގައި އޮތީމާ" ކަމަށް ޔަމާލް ބުންޏެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ ވެސް އަނިޔާގެ ބިރުވެރިކަމަކަށް ފަހު ސްކޮޑުގައި ހިމެނިފައިވެއެވެ.

ނަމަވެސް ބައެއް ބޮޑެތި ތަރިންނަށް މި ނަސީބު ނުލިބުނެވެ. ބްރެޒިލްގެ ރޮޑްރީގޯ (އޭސީއެލް) އާއި އެޑެރް މިލިޓާއޯ (ހެމްސްޓްރިންގް)، ފްރާންސްގެ ލިވަޕޫލް ފޯވާޑް ހޫގޯ އެކިޓިކޭ (އެކިލީސް)، ޖަރުމަނުގެ ބަޔާން މިއުނިކް ފޯވާޑް ސާޖް ގްނާބްރީ (އެޑަކްޓާ) އަދި ނެދަލެންޑްސްގެ ޒަވީ ސިމޮންސް (އޭސީއެލް) ވަނީ މުބާރާތުން ވަކިވެފައެވެ. އިންގްލެންޑުގެ ބެން ވައިޓް (މީޑިއަލް ލިގަމެންޓް) އާއި ސްޕެއިނުގެ ފެރްމީން ލޯޕެޒް (ފައި) ވެސް ގެއްލިފައިވެއެވެ.

ކުޅުންތެރިންނާއި ކޯޗުން ދަނީ ބާރުބޮޑު ޝެޑިއުލްގެ ނުރައްކާތެރިކަމާ މެދު އިންޒާރު ދެމުންނެވެ. ފުޅާކުރެވުނު ޗެމްޕިއަންސް ލީގާއި މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕަށް ފަހު، 48 ޓީމުގެ ވޯލްޑް ކަޕެއް ކުރިމަތިވެފައިވާއިރު، އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ސިފަކުރީ މިއީ "ހިނގަން ކައިރިވެފައި އޮތް އެކްސިޑެންޓެއް" ގެ ގޮތުގައެވެ.

Advertisement

ކޮމެންޓް