ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ ޢަމަލުން: ފަސްޓްލޭޑީ
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ޤައުމީ މަޝްވަރާގެ ޙަޤީޤީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، މަޝްވަރާތައް ނިންމައިލުމަށް ފަހު ޢަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ޤައުމީ ކުޑަކުދިންގެ ދުވަހުގެ "މަޝްވަރާ" ފޯރަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ކުދިންނަށް އަޅާލުމަކީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދައިދިނުން ނޫން ކަމަށާއި، އެ ކުދިންގެ ވިސްނުން ތަރައްޤީކުރުމާއި، ޚުލްޤު ހެޔޮ ދަރީންތަކެއް ބިނާކުރުމާއި، ހިތްތަކުގައި އީމާންތެރިކަމާއި ހަމްދަރުދީ އަށަގެންނެވުން ވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ޙަޤީޤީ ރައްކާތެރިކަން ފެންނާނީ ގޭތެރެއާއި ސްކޫލުތަކާއި މުޖުތަމަޢުގައި ދެމެހެއްޓޭ އުސޫލުތަކާއި ޢަމަލުތަކުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޑިޖިޓަލް މާހައުލުގެ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން، ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަން ޤުރުބާންނުކޮށް ކަމުގައި ސާޖިދާ ވިދާޅުވިއެވެ. އެ ގޮތުން 16 އަހަރުން ދަށުގެ ކުދިން ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރަން ނިންމާފައިވާ ނިންމުން ވެސް ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028 އާއި ކުޑަކުދިންގެ ހޮޓްލައިން 1412 އާއި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. މި ރަސްމިއްޔާތުގައި ކުޑަކުދިންގެ ޙައްޤުތަކާއި ތަރައްޤީއަށް ޚާއްޞަ މަޖައްލާއެއް ވެސް އެކަމަނާ އިފްތިތާޙްކޮށްދެއްވިއެވެ.