ތިނަދޫ ހިމެނައިގެން 15 ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ
މަސްވެރިންނަށް ޚާއްޞަ އަގެއްގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން ވެސް މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ކުރިން ހަތަރު ސަރަޙައްދަކުން ތެޔޮ ފޯރުކޮށްދެމުން ދިޔަ ނަމަވެސް، މިހާރު އިތުރު 11 ސަރަޙައްދެއް ހިމެނައިގެން ޖުމްލަ 15 ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ. ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ނުވަނީ ރ. އަތޮޅާއި ތ. އަތޮޅުގައި އެކަންޏެވެ.
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަ ގޮތަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވުޒާރާއިން ބުންޏެވެ.
މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުން ދަނީ އުޅަނދުގެ ބޮޑުމިނަށް ބަލައިގެންނެވެ. 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ދޫކުރެއެވެ.