ދަރިފުޅާ ދުރުގައި ޝޫޓިންއަށް ދާން ޖެހުމުން ހިތް ފަޅައިގެން ދިޔަ: ވިކީ ކައުޝަލް
ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކައުޝަލް ބައްޕައަކަށް ވުމުގެ ތަޖުރިބާ ހިއްސާކޮށް، ދަރިފުޅު އުފަންވީ ފަހުން އަލުން މަސައްކަތަށް ނުކުންނަން ޖެހުމުން ވަރަށް އުނދަގޫވި ކަމަށް ބުނެފިއެވެ.
ދަ ނޮޑް މެގް އަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ، ދަރިފުޅު ވިހާން އުފަންވީ ފަހުން ހަ ހަފުތާގެ ބްރޭކެއް ނެގި ކަމަށެވެ. ނަމަވެސް އޭގެ ފަހުން 230 ކިލޯމީޓަރު ދުރުގައި ހަތަރު ދުވަހުގެ ޝޫޓިންއަކަށް ދާން ޖެހުނު ކަމަށާއި، "ހިތް ފަޅައިގެން ދިޔަ، ވަރަށް އުނދަގޫވި" ކަމަށް ބުންޏެވެ.
ބައްޕައަކަށް ވީ ފަހުން މައިންބަފައިން ކޮށްދިން ކަންކަމުގެ އަގު މާ ބޮޑަށް ވަޒަންކުރެވޭ ކަމަށް ވެސް ވިކީ ބުންޏެވެ. "އަހަރެމެންނަކީ މާލީ ގޮތުން ތަނަވަސް ބައެއް ނޫން. އެ ޕްރެޝަރު އޮތް. އެކަމަކު ރަނގަޅު އަޚުލާޤީ ސިފަތައް ދަސްކޮށްދިނުމުގެ ޒިންމާ އެ މީހުން އުފުލި" ކަމަށް ބުންޏެވެ. އެ ޒިންމާ މިހާރު އޮތީ އޭނާގެ ކޮނޑުގައި ކަމަށާއި، ދަރިފުޅަށް ރަނގަޅު ގޮތް ދައްކަން ޖެހޭނީ ނަސޭހަތުން ނޫން ކަމަށާއި ޢަމަލުން ކަމަށް ވެސް ބުންޏެވެ.
ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފްގެ ދަރިފުޅު ވިހާން ކައުޝަލް އުފަންވީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.