ލޯކަލް މާރުކޭޓުގައި ބިދޭސީންނަށް ނުތިބެވެންވީ ސަބަބެއް ނެތް: މޭޔަރު އާޒިމް
ލޯކަލް މާރުކޭޓުތަކުގައި ބިދޭސީންނަށް ނުތިބެވެންވީ ސަބަބެއް ނުފެންނަ ކަމަށާއި، ދިވެހި މުވައްޒަފުން ނުލިބޭތީ ބިދޭސީން ގެންގުޅެން ޖެހެނީ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުގެ ފަސް ވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ލަބާން ޝަރީފް ވަނީ މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން ތިބޭކަން ފާހަގަކުރައްވައި، އެއީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، މާރުކޭޓުގައި ވަރަށް ދުވަސްވީ މީހުން ވިޔަފާރިކުރާ ކަމަށާއި، އެ ފަރާތްތަކަށް ދިވެހި މުވައްޒަފުން ނުލިބޭ ކަމަށެވެ. ލިބޭ މުވައްޒަފުން ވެސް ހަރުނުލާތީ ވިޔަފާރި ރަނގަޅަށް ނުކުރެވޭ ކަމަށާއި، އެހެންކަމުން ހޯމް ވުޒާރާ މެދުވެރިކޮށް ކޯޓާ ހަމަޖައްސައިގެން ބިދޭސީން ގެންގުޅެނީ ކަމަށް ވިދާޅުވިއެވެ.
"ކޮންތަނަކުތޯ ބޭރުމީހުން ވަޒީފާގައި ނެތީ. މާލޭގެ ކޮންމެ ކެފޭއެއްގައި، ރެސްޓޯރެންޓެއްގައި، ބޮޑެތި ރިސޯޓުތަކުގައި، ކުންފުނިތަކުގައި، ފިހާރަތަކުގައި ނެތް ތަނެއް ނެތް" ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ އިރު ހުރިހާ ތަނަކަށް އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމަށާއި، ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީންނަށް ތިބެވޭ އިރު މާރުކޭޓު ވަކިކުރެވިގެން ނުވާނެ ކަމަށެވެ.
އާޒިމް އިތުރަށް ފާހަގަކުރެއްވީ ދާދި ފަހުން ގުރައިދޫގައި މާރުކޭޓުތަކުގައި ތިބި ބިދޭސީން ނެގުމުން ވިޔަފާރިތައް ހުއްޓިގެން ދިޔަ ކަމަށެވެ. ކަންކަން ތަންފީޒުކުރަންވާނީ ޤައުމު ހިނގާނެ ގޮތަކާ މެދު ވިސްނުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.