Advertisement

ދިވެހި ޕޭސްޓްރީ ޝެފް އުލްފާ މި ހުޅުވާލަނީ ރަށްރަށުގައި އޭނާއާ ގުޅިގެން ޕޭސްޓްރީ ކްރޭޝް ކޯސް ހިންގުމުގެ ފުރުޞަތު

03 Jun 2026 | 10:26
ޝެފް އުލްފާ -

ރިސޯޓެއްގެ ބަދިގެ އިން ފެށި ދަތުރެއް، ރާއްޖޭގެ ރަށްރަށުގެ ބަދިގެ ތަކާ ހަމައަށް ގެންގޮސް، ކައްކާ ތަކެތި ވިއްކައިގެން ކުދިންނަށް އެހީވުމާ ހަމައަށް - މިއީ ޕޭސްޓްރީ ޝެފް އުލްފާ (އުއްލާ އުލޫ) ގެ ވާހަކައެވެ.

11 އަހަރު ޕޭސްޓްރީ ދާއިރާގައި — ދެން ކޮން ކަމެއް؟

ރާއްޖެ އާއި ދުބާއީގައި 11 ރިސޯޓެއްގައި ޕޭސްޓްރީ ދާއިރާގައި 11 އަހަރު މަސައްކަތް ކޮށް، އިންޓަކޮންޓިނެންޓަލް ރަސް އަލް ޚައިމާގައި ވެސް އެއް އަހަރު ހޭދަކޮށްފައިވާ ޝެފް އުލްފާ މިހާރު މަސައްކަތް ކުރަނީ އަވާނީ ފަރެސް މޯލްޑިވްސްގައެވެ. އޭނާ ބޭނުންވީ ރިސޯޓުގެ ބަދިގެ އިން ދަސްވި ހުނަރު ރަށްރަށުގެ އާންމު މީހުންނާ ހަމައަށް ގެންގޮސްދޭށެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ ހުނަރު ބޭނުންކޮށްގެން މީހުންނަށް އެހީވާން" - މިއީ ޝެފް އުލްފާ ބުނާ ވާހަކައެވެ.

ގޭގައި ތިބެގެން ޕޭސްޓްރީ ހަދަން ބޭނުންވާ މީހުންނަށް، ރިސޯޓު ފެންވަރުގެ 20 ރެސިޕީ ދަސްކޮށްދޭ ކްރޭޝް ކޯހެއް - "ދި އާޓް އޮފް 20" ގެ ނަމުގައި ޝެފް އުލްފާ ވަނީ ފަށައިފައެވެ. "ލެޓްސް ޕާޓީ" ގެ ސަޕޯޓާ އެކު ކުރިއަށް ގެންދާ މި ޕްރޮގްރާމް ރަށްރަށުގައި އޮގަނައިޒް ކުރަނީ އެ ރަށެއްގެ ޑަބްލިއުޑީސީ ނުވަތަ ކައުންސިލް ނޫނީ ޖަމިއްޔާ އަކާ ގުޅިގެންނެވެ.

ރަށަކުން ގުޅާލީމާ ނިމުނީ؟

މި ޕްރޮގްރާމް ހިންގާ ގޮތް ވަރަށް ސާފެވެ. ރަށެއްގެ ކައުންސިލަކުން، ޑަބްލިއުޑީސީ އަކުން، ނުވަތަ ޖަމިއްޔާ ޖަމާޢަތަކުން ޝެފް އުލްފާ އަށް ހުށަހެޅީމާ، އޭނާ ޕްރޮޕޯޒަލް ފޮނުވާނެއެވެ. ރަށުން ތަނެއް ހަމަޖައްސައި ދިނީމާ، ޝެފް އުލްފާ އެ ރަށަކަށް ގޮސް، ހޮޓް ކިޗަން އާއި ޕޭސްޓްރީ ވެސް ހިމެނޭ ގޮތަށް ކްލާސްތައް ހިންގައެވެ. ކޮންމެ ކްލާހެއްގައި 10 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މީހުން ބައިވެރިވެވެއެވެ.

މިހާތަނަށް ކ. ގާފަރާއި ކ. ކާށިދޫގައި ކާމިޔާބުކަމާ އެކު ކްލާސްތައް ނިންމައިލައިފައިވެއެވެ.

ގާފަރުގައި ކުރިއަށްގެންދިޔަ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން - 

ކައްކާ ތަކެތި ވިއްކައިގެން ކުދިންނަށް އެހީ؟

ޝެފް އުލްފާގެ ޕްރޮގްރާމް ތަފާތުވާ އެއް ސަބަބަކީ، ކިޔަވައިދިނުމާ އެކު ފަންޑްރައިޒިން ވެސް ހިމެނޭ ކަމެވެ. ފަންޑްރައިޒިން އިވެންޓްތަކަކީ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ދީލަތިކަމާ އެކު ކޮށްދޭ ކަންކަމެވެ. ކްލާހުގައި ތައްޔާރުކުރާ ތަކެތި ވިއްކައި، ފަންޑްރައިޒިން ހަރަކާތްތައް ޖައްސައިގެން، ރަށުގެ އެހީ ބޭނުންވާ ކުއްޖަކަށް އެހީވުމަކީ ކޮންމެ ދަތުރެއްގެ ވެސް މުހިންމު ބައެކެވެ.

މިދިޔަ އަހަރު މި ޕްރޮގްރާމާ ގުޅިގެން ކުއްޖެއްގެ ލޮލުގެ އޮޕަރޭޝަނަށް އެހީ ހޯދައިދެވި، އެހެން ކުއްޖެއްގެ ޕްރޮސްތެޓިކް ފައި ޖެހުމަށް ވެސް ފައިސާ ހޯދައިދެވިފައިވެއެވެ. ގާފަރުގައި ވެސް "ބްލިންކް ފޯ ހޯޕް" ގެ ނަމުގައި ޚާއްޞަ ފަންޑްރައިޒިން އިވެންޓެއް ބާއްވައި، "އަހްދާ" ނަމަކަށް ކިޔާ ކުއްޖަކަށް އެހީވެފައިވެއެވެ. މި އިވެންޓް އޮގަނައިޒް ކޮށްފައި ވަނީ ގާފަރު ޑަބްލިއުޑީސީ އާ ގުޅިގެންނެވެ.

2026 ގައި ބައިވެރިވާނީ ކިހިނެއް؟

"ދި އާޓް އޮފް 20" ގެ 2026 ވަނަ އަހަރުގެ ބުކިން މިހާރު ވަނީ ހުޅުވާލައިފައެވެ. ރަށެއްގެ ކައުންސިލުން، ޑަބްލިއުޑީސީ އަކުން، ނުވަތަ ޖަމިއްޔާ އަކުން ގުޅާލީމާ ޕްރޮޕޯޒަލް ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

ގުޅާލައްވާ: ވައިބާ 7858916

Advertisement

ކޮމެންޓް