Advertisement

ފެނަކައިގައި 8,000 މުވައްޒަފުން: "ރައިޓް ސައިޒް" ކުރަނީ - ވަކިވާ މީހުންނަށް ހަތަރު މަހުގެ މުސާރަ

02 Jun 2026 | 22:14
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަފީފް ހއ. ބާރަށަށް ކުރި ޒިޔާރަތެއްގެ ތެރެއިން އެ ރަށު ފެނަކަ މުވައްޒަފުންނާއެކު - ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ޚަރަދުތައް ކުޑަކޮށް މާލީ ގޮތުން ހަމައަކަށް އެޅުވުމަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށައި، އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާ އެކު އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯގައިވާ ގޮތުން، އެކަމަށް ހުށަހެޅޭނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ. ހަތަރު މަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުޞަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމެއްގެ ދަށުން ރިޓަޔާވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ.

Advertisement

"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް އެ ނޫހަށް ވިދާޅުވީ ފެނަކައިގެ ޕޭރޯލްގައި 8,000 ވަރަކަށް މުވައްޒަފުން ތިބި ކަމަށާއި، އެއީ ކުންފުނީގެ "ރައިޓް ސައިޒް ނޫން" ކަމަށެވެ. އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓް ތަކާއި ތެލަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާ ކަމަށް އޭނާ ވިދާޅުވި ކަމަށް "މިހާރު" އިން ރިޕޯޓުކޮށްފައިވެއެވެ.

އަފީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި ބައެއް އިންޖީނުގެ ތަކުގައި ކާޑު ޖަހަން ވެސް ނުޖެހޭ ގޮތަށް މުވައްޒަފުން ތިބި ކަމަށާއި، ޕްރޮޖެކްޓެއް ހިންގުމުގެ ނަމުގައި ނެގި ބައެއް މީހުން ދާއިމީ ވެސް ކޮށްފައިވާ ކަމަށެވެ. އެ މީހުންނަށް މުސާރަ ދެނީ މަސް ނިމުނީމާ ކޮންމެވެސް ގޮތަކުން ހާޒިރީއެއް ހަދައިގެން ކަމަށާއި، ބައެއް މީހުން ކާޑު ޖަހާފައި މަހަށް ދާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފެނަކައިގެ މާލީ ހާލަތު ދަށްވީ ބޭނުންވާ ތަކެތި ރަނގަޅު ސަޕްލަޔަރުންގެ އަތުން ނުހޯދައި "ކަރުދާސް ކުންފުނިތަކުން" ހޯދާފައި ވުމުން ކަމަށާއި، އޮޑިޓާ ޖެނެރަލް އާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޕޯޓުތަކުގައި ވެސް އެ ކަންކަން ފާހަގަކޮށްފައިވާ ކަމަށް އަފީފް "މިހާރު" އަށް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް