ދޫކޮށްލި ޝަރުތާ ޚިލާފުވުމުން ޝަރީޢަތް ނިމެންދެން ބަންދު
ވައްކަމުގެ މައްސަލައަކާ ގުޅިގެން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކޮށް ދޫކޮށްލި މީހަކު، ޝަރުތުތަކާ ހިލާފުވެގެން އަލުން ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ / ނޫރީފެހި، މުޙައްމަދު ޝާވިން ޝިހާމް (25އ) އެވެ. ވައްކަމުގެ މައްސަލައަކާ ގުޅިގެން މި އަހަރުގެ މެއި ތިނެއްގައި އޭނާ ފުރަތަމަ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރިއެވެ. އެ މުއްދަތު ހަމަވުމުން މެއި 18 ވަނަ ދުވަހު ކޯޓުން ޝަރުތުކޮށް އޭނާ ދޫކޮށްލިއެވެ.
ނަމަވެސް ދޫކޮށްލިތާ ހަތަރު ދުވަސް ފަހުން، ކޯޓުގެ ޝަރުތުތަކާ ހިލާފުވި މައްސަލައާ ގުޅިގެން މެއި 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.